ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާ ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން،2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުޅުވާލައިފައިވާކަމަށެވެ.
މިދާއިރާ އަށް ކުރިމަތިލާ ފަރާތެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އެ ޝަރުޠުތައް ފުރިހަމަ ވާންވާނެކަމަށް ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން،2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އާ އާ ހަމަޔަށް އެ ކޮމިޝަންގެ މެއިލް coordination@elections.gov.mv އަށެވެ. ފޯމު ހުށަހަޅަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހުށަހަޅާފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެކަމަށާއި އީ-މެއިލުން ފޮނުވަން އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ވަޑައިގަންނަވާ ފަރާތްތަކަށް އީ-މެއިލުން އެޕްލިކޭޝަން ފޯމު ބަލައިގަތުމުގައި އެހީތެރިވެދޭނެކަމަށް އީސީއިން ބުނެފައިވެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ."
އީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އެ ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ހުސައިން އަވަހާރަވީ، އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރުއެވެ.
ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ އިއްޔެ މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ. ހުސެންއަކީ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!