"ބިސްބުރު ބަގީޗާ" އުފާވެރިކަމުގެ ސަހަރެއް!

tumblr_7d9eb238d1c3de653e7c30aaca4b15ce_9414d756_1280

ޑެންމާކަކީ ސްކެންޑިނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އުތުރު ޔޫރަޕުގެ ޤައުމެކެވެ. ދެކުނުން މި ޤައުމުގެ ބޯޑަރު ހިއްސާކުރަނީ ޖަރުމަނާއެވެ. ޑެންމާކުގެ ރަސްމީ ބަހަކީ ޑެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑެނިޝް ނުވަތަ ޑޭންސް އެވެ. މި ޤައުމުގެ ގިނަ މީހުންނަކީ، ޤުދުރަތުން ނޫކުލާއިގެ ކަޅިއަކާއި، ރަންއިސްތަށިގަނޑެއް ލިބިފައިވާ އިސްކޮޅުން ދިގު ބައެކެވެ.

މި ޤައުމުގައި މީހުން އުޅެންފެށި ސީދާ ތާރީޚެއް ކަނޑައެޅިގެން ބުނަން ނޭނގުނުނަމަވެސް، ފެންނަން ހުރި ހެކިތަކަށް ބަލާއިރު، އީސާގެފާނު ދުނިޔެއަށް ވަޑާގަތުމުގެ ފަންސާސް ހާސް އަހަރުކުރިން މި ޤައުމުގައި މީހުން ދިރިއުޅުނުކަމުގެ ސީދާ ހެކިތައް ފެންނަން އެބަހުއްޓެވެ. މި ޤައުމުގައިޑެންމާކުގެ އެންމެ ބޮޑު ސަހަރަކީ ކޯޕަންހޭގަން އެވެ. މިއީ މި ޤައުމުގެ ވެރިރަށްވެސްމެއެވެ.

ކޯޕަންހޭގަން އަކީ، ވަރުގަދަ ފުރިހަމަ ދިރިއުޅުމެއް އުޅޭ ބަޔަކު އުޅޭ ސަހަރެކެވެ. މި ސަހަރުގެ އުފާވެރި ފޯރާ ދިރިއުޅުމާއި، ފުރިހަމަ ސަޤާފަތާއި އާދަކާދަތަކަކީ، މި ހިތްހަމަޖެހުމުގެ އަސްލެވެ. މީގެ އިތުރުން، މަސައްކަތުގެ ކުރުވަގުތާއި، ޗުއްޓީގެ ދުވަސްތަކުގެ ގިނަކަމާއި، ހިލޭ ލިބޭ ތަޢުލީމާއި ބޭސްފަރުވާގެ އިތުރުން، ހިތްހަމަޖެހުން ލިބޭފަދަ މަހު މުސާރައާއި، އިނާޔަތްތަކަކީވެސް މި އުފާވެރިކަމުގެ ސަބަބުތަކެވެ. މި ސަހަރަށް ދުނިޔޭގެ އެންމެ އުފާވެރި ސަހަރުގެ ލަގަބު ދެވިފައިވަނީ، މި ސަބަބުތަކަށްޓަކައެވެ.

މިވާހަކަތައް އެއްފަރާތުގައި ބޭއްވުމަށްފަހު، މިލިޔުމުގައި އަލިއަޅުވާ ބަލައިލަން ބޭނުންވަނީ، މި އުފާވެރި ސަހަރަށް ޒިޔާރަތްކުރާ ކޮންމެ ބަޔަކަށްވެސް އެކަމެއްގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމާއި، އާޝޯހުވުމެއް ގެނެސްދޭ، ފަންނުވެރިކަމުގެ ދެވަނައެއްނެތް މިސާލެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ "ބުރަންބިޔު ހޭވުބީ" ނުވަތަ "ގާރޑެން ސިޓީ" އަށެވެ. މި ގާޑެންސިޓީ ނިސްބަތްވަނީ، ޑެންމާކުގެ ކޯޕަންހޭގަންގެ ނެރަމް ސަބާރބަން ޑިސްޓްރިކްޓަށެވެ. މި ސަހަރުގައިވާ، މި "އޯވަލް ގާރޑެން" ނުވަތަ "ބިސްބުރު ބަގީޗާ" ތަކުގެ މޭސްތިރިއަކީ، ކާލް ތިއޮޑޯރ ސޮރެންސެންއެވެ. މީނާ އަކީ ލޭންޑްސްކޭޕް އާކިޓެކްޓުންގެ ތެރެއިން މިހާތަނަށް ދިރިއުޅުއްވި އެންމެ ކުޅަދާނަ އެއް އާކިޓެކްޓް ކަމުގައި ބެލެވިފައި ވެއެވެ. އަދި ނީރަމްގެ މި އޯވަލް ބަގީޗާތަކަކީ އޭނާގެ އެންމެ މަޝްހޫރު އެއް ޕްރޮޖެކްޓެވެ.

ނީރަމްގެ އޯވަލް ބަގީޗާ

1948 ވަނަ އަހަރު ބިނާކުރެވުނު މި ބަގީޗާގެ ތަކުގެ އެންމެ ހާއްސަކަމަކީ، މި ގޯތިތަކުގެ ވެރިންނަށް، އެމީހުންގެ ގޭގެ ކޮށިތައް އެއްފަރާތުގައި ޕަބްލިކް ހައުސިންގތަކާއި، އަނެއް ފަރާތުގައިވާ އިތުރު ޓްރެޑިޝަނަލް އެލޮޓްމަންޓްތަކާ ދެމެދު، ޕޮޒިޝަންކުރުމާއި، ވަށައިގެންވާ ހެޖްތައް އިޚްތިޔާރުކުރުމާއި، އެބައިމީހުންގެ ގޯތިތަކުގެ އެތެރޭގެ ލޭއައުޓް ކުރުމުގެ މިނިވަންކަން ލިބިދީފައިވުމެވެ. ނަމަވެސް، މި ހުރިހާ ކަމެއް ކުރުމުގައިވެސް، ގޭގެވެރިން އަމަލުކުރަންވީ އިރުޝާދުތަކެއްވެއެވެ. މިއީ ޤަވާއިދުތަކަކަށް ނުވިނަމަވެސް، މި ގޯތިތަކުގެ ހުރިހާ ވެރިންވެސް އަމަލުކުރަމުންދާ އިރުޝާދުތަކަކަށްވުމުން، ކޯޕަންހެގަން ސަހަރުގެ މި "ގާރޑެން ސިޓީ" ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ނަތީޖާއަކީ، 73 އަހަރު ފަހުންވެސް، ޑެންމާކުގެ ވެރިރަށުގެ ނައިރަމްގައިވާ މި އޯވަލް ބަގީޗާތަކަކީ އެންމެ ރީތި އެއް ތަނުގެ ގޮތުގައި މަޝްހޫރުވެފައިވުމެވެ.

އޭނާގެ ޑިޒައިނަށް އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ އޯވަލް ބަގީޗާތައް މަތިން ފެންނަ އިރު، އަދި އެއަށްވުރެ ވެސް ބޮޑަށް ބިމުން ފެންނަ އިރު، އަދި އެ ބަގީޗާތަކުގެ ތެރޭގައި ހިނގާލާ އިރު، އެ ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެއީ ލޭންޑްސްކޭޕް އާކިޓެކްޓް ޕްލޭންގެ މޮޅުކަމެވެ.

ނަމަވެސް، މި ޕްލޮޓުތައް ފެންނައިރު، ކޮންމެ ޕްލޮޓަކަށް ވެސް މަގެއް ފެންނަން ނެތުމުން، ފުރަތަމަ ހީކުރެވެނީ، އެއީ މި ޕްރޮޖެކްޓު ހިންގުމުގައި އުނިކަމެއްގެ ގޮތުގައެވެ. ނަމަވެސް، ކާލް ތިއޮޑޯރ ބޭނުންވީ ގޭގެވެރިންނާ، އެ ގެތަކުގެ އަހުލުވެރިން، އިތުރަށް ހިނގާބިނގާވެ އުޅުމަށް ހިތްވަރު ދިނުމެވެ. އަދި ކާރުތަކަށް އެރުމުގެ ކުރިން ތާޒާ ވައިލިބިދީ، އަވަށްޓެރިންނާ ސަލާމްކޮށް، ސޯޝަލައިޒް ކުރުމެވެ. އަދި އޯވަލް ބަގީޗާތަކުގެ ތެރޭގައި ހިނގާލާ އުޅުމުން ހިތްހަމަޖެހުން ލިއްބައިދިނުމެވެ.

ކޮންމެ މޫސުމެއްގައިވެސް މި ބަގީޗާތަކުން ލިއްބައިދެނީ އުފާވެރިކަން

މި ބަގީޗާތަކުގެ ރީތިކަން ހަތަރު މޫސުމުގައިވެސް ފެނެއެވެ. ރަބީޢު މޫސުމުގައި ފެހި ކުލައިގެ މިބަގީޗާތަށް، ބަހާރު މޫސުމުގައި އެކި ކުލަކުލައިގެ މާތަކުން ފުރިގެން ދެއެވެ. އަދި ޚަރީފު މޫސުމުގައި އޮރެންޖާއި ރީނދުލުގެ ބަގީޗާތަކެއް ފެނެއެވެ. ފިނި މޫސުމުގައި ހުދުކުލައާއި މުށި ކަޅު ކުލައިގެ ބަގީޗާތަކެއްގެ ގޮތުގައި ފެނިގެން ދާއިރު، ހަތަރުމޫސުމުގައިވެސް، މިތަނުގެ ފުރިހަމަކަމުން ހިތްހަމަޖެހުން ލިބިގެންދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *