ހދ. ވައިކަރަދޫގައި ނާސަރީ އަދި ބޭބީ ނާސަރީ އަށް ކިޔަވައިދޭން ފަށަން ތައްޔާރު ވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލުން މިއަދު ބުނެފައިވަނީ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތައް ހިންގުމަށްޓަކައި ހދ. އަތޮޅު މަދަރުސާގެ ކްލާސްރޫމް ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ވައިކަރަދޫ ކައުންސިލުގެ އިދާރާއަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
ހދ. އަތޮޅު މަދަރުސާގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ހދ. އަތޮޅު މަދަރުސާގެ ފަރާތުން ސޮއިކުރެއްވީ އެސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ އެވެ. ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ. މިރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެކެވެ.
ވައިކަރަދޫ ކައުންސިލްގެ މެންބަރު އައިމިނަތު ޒީނިޔާ "ތިލަދުން" އަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބޭބީ ނާސަރީ އަދި ނާސަރީއަށް އަންނަ އަހަރު ޖެނުއަރީގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ސީދާ ތާރީޙްއެއް ނުނިންމާ ކަމަށެވެ.
މިދެކުލާސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކައުންސިލުން ހަރަދުކޮށްގެން ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
ޒީނިޔާ އިތުރަށް ވިދާޅުވީ ވައިކަރަދޫގައި މިދެކުލާސް އަށް ކިޔަވައިދިނުން ހުއްޓާލާފައި އޮންނަތާ 5 ނޫނީ 6 އަހަރު ވެދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވައިކަރަދޫގައި ބޭބީ ނާސަރީ އަދި ނާސަރީ އަށް ކިޔަވައިދިނުން ހުއްޓާލާފައިވަނީ ސަރުކާރުން ރަސްމީ ތައުލީމު ނިޒާމުން މިދެކުލާސް އުނިކޮށް އެލްކޭޖީ އަދި ޔޫކޭޖީއަށް ފީ ހިލޭ ކޮށް ކިޔަވައިދޭން ފެށި ހިސާބުން ނެވެ.
ރަސްމީ ތައުލީމު ނިޒާމުގައި ނާސަރީ އަދި ބޭބީ ނާސަރީއެއް ނުހިމެނެއެވެ. އެހެން ރަށްރަށުގައި މިދެ ކުލާސް ތަކަށް ކިޔަވައިދެމުން އަންނަނީ ކައުންސިލުން ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!