ހދ. ނޭކުރެންދޫގައި އައުޓްޑޯ ޖިމް ހުޅުވައިފިއެވެ.

މި ޖިމް ހުޅުވާފައިވަނީ ބައިނަލްއަޤްވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާއި ގުޅުވައިގެން ނެވެ.

Ad
rt

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވީ މި ޖިމް ހުޅުވާފައިވަނީ އެރަށުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލް ކޮށްގެން ކަމަށެވެ.

އެގޮތުން މިފަދަ ތަނެއް ހުޅުވުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެހީތެރިވުން ކަމަށް އަލީ އާދަމް ވިދާޅުވިއެވެ. މި މަހުގެ 8 ވަނަ ދުވަހު ހުޅުވާފައިވާ މި ޖިމްގައި އާއްމުކޮށް ކަސްރަތުތަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް ބޭނުން ކުރެވެން ހުރެއެވެ.

އިންޑޯ ޖިމް އެއްވެސް ގާއިމް ކުރެވިފައިވާ ނޭކުރެންދޫގައި ދިމާވެފައިވާ ދަތި ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަ ކުރަނީ ޖިމްތަކުގައި ކަސްރަތު ކޮށްދޭނެ ހާއްސަ ޓްރެއިނަރ އެއް ނެތުމުން ދިމާވާ ދަތިކަމެވެ. އަދި ރައްޔިތުން ޖިމް ބޭނުން ކުރި ނަމަވެސް ޓްރެއިނަރ އެއް ނެތުމުން ކަސްރަތު ކުރުމުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހާސިލް ވެގެން ނުދާ ކަމަށް އެފަރާތުން ވިދާޅުވެއެވެ.

މި ޖިމް ހުޅުވައިދެއްވުމަށް ސަރުކާރުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ނޭކުރެންދޫ ކައުންސިލުން ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށާއި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފްއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަދި ރަށަށް ކުރިއެރުން ގެނައުމަށް މަސައްކަތް ކޮށްދެއްވާ އެ ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ރާއީ އަދި އެ ކައުންސިލް އާ އެކީ މަސައްކަތް ކުރެއްވި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންނަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.