ބޭނުންފުޅުވީ ކޮތަރުކޮށި ހުރި ސަރަހައްދުގައި ކޮތަރުތައް އުދުހޭތަން ބަލައިލަން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމް މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ބާތިލުކުރުމުން މި މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވަލުގައި ވަނީ އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖަލްސާއެއް ބާއްވާފައެވެ. އަދި އެ ޖަލްސާއަށްފަހު މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފޭސްގައި، ހިޔާ ފްލެޓްތައް ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް އެ ކޯލިޝަނުން ނިންމިއެވެ.

Ad
rt

"ކޮތަރު ކޮށި" ނަމުގައި ބާއްވަން ނިންމި މި ޖަލްސާއަކީ ރައީސް ޔާމީން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކޮށްލަން ބާއްވާ ޖަލްސާއެއްކަމަށް އިދިކޮޅު

ކޯލިޝަނުން ވަނީ ބުނެފައެވެ. އެ ޖަލްސާ ބާއްވަން އެ ކޯލިޝަނުން މާލޭ ސިޓީ ކައުންސިލުން ހުއްދަ ހޯދާފައިވަނިކޮށް، ހުޅުމާލޭ ބަލަހައްޓާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ އެ ޖަލްސާ ބޭއްވޭނީ އެ ކުންފުނިން ހުއްދަ ހޯދައިގެން ކަމަށް ބުނެފައެވެ. އަދި މީގެކުރިން ވެސް ހުޅުމާލޭގައި ސިޔާސީ ހަރަކާތްތައް ހިންގާފައިވަނީ އެ ކުންފުނިން ހުއްދަ ހޯދައިގެން ކަމަށް ވެސް ބުންޏެވެ.

އެހިސާބުން ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުުން ބޮޑުވެ މާލެ ސިޓީ ކައުންސިލުން ވަނީ ޑިސެމްބަރު 9 ވަނަ ދުވަހު ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ. އަދި ޑިސެމްބަރު 10 ވަނަ ދުވަހު އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާއި ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅާފައެވެ.

އިދިކޮޅުން ހުޅުމާލޭ ފޭސް 2 ގައި ބާއްވަން އުޅުނު ޖަލްސާ އެޗްޑީސީން ހުއްދަ ނުދޭތީ، ކުރިއަށް ގެންދަން ފުލުހުން ވެސް ފުރުޞަޠެއް ނުދިނެވެ. އެހެންވެ އެ ޖަލްސާ މާލެއަށް ބަދަލުކޮށް، ޕްރޮގްރެސިވް ކޯލިޝަނުން ފުރަތަމަ ނިންމީ އެ ޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވާށެވެ. ނަމަވެސް އެ ޖަލްސާ ކާނިވަލަށް ބަދަލުކުރީ އުސް ފަސްގަނޑަކީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަނަށް ކަރަންޓު ވެސް ގުޅައިދެވެން ނެތް ކަމަށް އެންގުމުން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ ޖަލްސާ ހުޅުމާލޭ ފޭސް 2 ގައި ބޭއްވިފައި ނުވާތީ، ރައީސް ޔާމީން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރޭ ވާހަކަފުޅު ދައްކަވާފައެވެ.

"މިރެއަކީ ޑިމޮކްރަސީއާއި، ޑިމޮކްރަސީގެ ބައްޕައިންގެ އަޑު އުފުލަމުންއައި މީހުންގެ ނުކުޅެދުންތެރިކަމާއި، އެމީހުންގެ ވިސްނުމުގެ ކޮށިކަމުގެ ފިލާވަޅުނަގައިދޭ ރެއެއް، އަޅުގަނޑުމެން ބޭނުންވީ ކޮތަރުކޮށި ހުރި ސަރަހައްދުގައި ކޮތަރުތައް އުދުހޭތަން ބަލައިލަން، އެހެންނަމަވެސް މިކަމެއް ޑިމޮކްރަސީގެ ބައްޕައިންނަކަށް ހަޖަމެއް ނުވި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރުގެ ސަރުކާރު ހިންގާ ފަރާތްތައް އިދިކޮޅުގައި ތިބި އިރު ތިބީ މުޒާހަރާތައް ކުރަން މަގުމަތީގައި ކަމަށެވެ. އަދި އެމީހުންނަށް އެއްވުންމަނާ ހަމަ އެއްވެސް ސަރަޙައްދެއްނެތްކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންނަމަވެސް ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގައި އެ ރައްޔިތުންނަށް މެސެޖްތަކެއް ދޭން އަޅުގަނޑުމެން ބޭނުންވީމަ، އެމީހުންނާއެކީ ވަގުތުކޮޅެއް ހޭދަކޮށްލާ، އުޅޭގޮތް ދެނެގަތުމަށްޓަކައި އެތަނަށް ޒިޔާރަތްކުރަން ބޭނުންވީމަ، އެކަމެއް އެމީހުންނަކަށް ހަޖަމެއްނުވި، ނަމުން ކިތަންމެ ޑިމޮކްރެޓިކް ބައެއް ނަމަވެސް އަމަލުން ޑިމޮކްރެޓިކް ބައެއްނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ފެނިގެން ދިޔައީ ސަރުކާރު ހިންގާ ފަރާތްތަކުގެ ނާގާބިލުކަމާއި، ކަންކަމަށް ކުރިމަތިލާން ނުކެރޭކަމާއި އަދި ފެނިގެން ދަނީ ހަގީގަތް ދެކެން ބޭނުންނުވާ މަންޒަރު ކަމަށެވެ. ޖަލްސާ ބާއްވަން ޖާގަދޭން ބޭނުންނުވީ އެހެންވެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތައްއަރާ އެއީ ކީއްވެގެންބާއޭ، ހަގީގަތުގައި ވެސް އެމީހުންނަށް އުނދަގޫވަނީބާއޭ، ނުވަތަ އަޅުގަނޑުމެން އެތަނަށް ދިޔައީމަ އެތަން އުފައްދާފައި މިއޮތީ ކިހިނެއްބާވައޭ އެމީހުންގެ ޚިޔާލަށް އަންނާތީ ބާވައޭ، އެތަނުގެ ކްރެޑިޓް އެހެން ބަޔަކު ނަގާފާނެތީ ކަންބޮޑު ވަނީތޯ އެއީ ކުރެވޭ ސުވާލެއް، އެތަނުގެ ކުރެޑިޓް ނަގާކަށް ދިވެހިންގެ ކުރިމަތީގައި އެހެން ބަޔަކަށް މާފަސޭހައެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.