ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކ. ކައުންސިލުން އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދެވީ، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގާފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ގާފަރު ކައުންސިލުން ވަނީ އެ ރަށުގައި އަލަށް އައިސްޕްލާންޓެއް ގާއިމުކުރެވި، އެ އައިސްޕްލާންޓްގެ ޚިދުމަތް ލިބޭގޮތް ހަމަޖެހިގެން ދިޔުމުންނާއި، އެރަށުގައި އަލަށް ފުލުހުންގެ ޚިދުމަތް ތަޢާރަފް ވެގެން ދިޔުމުން، އެކަންކަން ފާހަގަކުރަށްވައި ރައީސް ޞާލިޙަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން ގާފަރަށް ކުރިމަތިވެފައިވާ އެކި ކަހަލަ ދަތިތަކާއި ގުޅޭގޮތުން އެބޭފުޅުން ވަނީ އެމަނިކުފާނާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރަށުގެ ޖާގައިގެ ދަތިކަމާއި ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މީގެ އިތުރުން ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމާއި ކުނި މެނޭޖް ކުރުމުގައި ރަށަށް ދިމާވެފައިވާ ދަތިތައް ވަނީ ރައީސަށް ދަންނަވާފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ވަނީ މަސައްކަތް ކުރުމަށް ވަކި ހާއްސަ ޖާގައެއް ނެތުމުން އެކަން ފާހަގަ ކުރައްވާފައެވެ.
އެބޭފުޅުންގެ ވާހަކަތަކަށް އަލި އަޅުވާލައްވަމުން ރައީސް ވިދާޅުވީ ސްކޫލްގެ މައްސަލަ ނޫން އެހެން ހުރިހާ މައްސަލައެއް ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި އެހެން މަޝްރޫއުތައް ވެސް ކޮންމެވެސް މަރުހަލާއެއްގައި ނުހުއްޓި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގާފަރު ސިއްޙީ މަރުކަޒަށާއި އަލަށް ގާއިމް ކުރެވުނު ޕޮލިސް ޕޯސްޓަށް ޒިޔާރަތް ކުރައްވާފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!