"ކަންނެތް މަދު ވިޔަފާރިވެރިންކޮޅެއްގެ ކޮންޓްރޯލުން" ކަންނެލި މަސްވެރިކަން ސަލާމަތްކޮށް، އެ މަސައްކަތް ގައުމީ ސިނާއަތަކަށް ހަދައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިހެން ގޮވާލީ، މިއަދު ފާހަގަކުރަމުންދާ އެ ޖަމިއްޔާގެ ފުރަތަމަ އަހަރީ ދުވަހުގެ ޖަލްސާގައެވެ.

Ad
rt

އެ ޖަލްސާފެށުމުގައި، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަތުމުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ އެ މަނިކުފާނަށް ހުށަހަޅާފައެވެ. މިގޮތުން މި ކަންބޮޑުވުންތައް ހުށަހަޅުއްވައި ދެއްވީ އެ ޖަމިއްޔާގެ އުފެއްދުމުގައި ވެސް އިސްސަފުގައި މަސައްކަތް ކުރެއްވި މައުރޫފް ޒާހިރު (މާއްޓޭ) އެވެ.

ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯޝިއޭޝަން (ޓީމް)ގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މަޢުރޫފް، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އިއްވަވައިދެއްވަމުން ވިދާޅުވީ، ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިދޭން ކަންނެލި މަސްވެރިން ގޮވާލާކަމަށެވެ. އަދި ދިވެހި މަސްކުންފުނި، މިފްކޯއިން ވަގުތުން ވަގުތަށް ބޮޑުކަންނެލި ގަނެ ބޭރުކުރަންޖެހޭކަމަށް ބޮޑު ކަންނެލި މަސްވެރިން ބުނަމުންދާކަމަށް މަޢުރޫފް ވިދާޅުވިއެވެ.

"މަސްވެރިންގެ މެދުގައި އޮތް ތަފާތުކުރުން ނިމުމަކަށް ގެނައުމަށްޓަަކައި ވެސް މިކަން ކުރަންޖެހޭކަމަށް ދަންނަވަން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ މާލޭ ބަނދަރުގެ މައްސަލަ ވާނީ އެކި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެސްފައި، ނަމަވެސް މިހާތަނަށް އައިއިރު ހައްލުވެފައެއްނުވޭ، ވަރަށް ގިނަ ފަހަރު ދޯނި ކަނޑުގައި ބާއްވާފައި ބާލިދީ ހިފައިގެން ފަތާފައި ފައިބަންޖެހިފައި އެބަހުރި" މަޢުރޫފް ވިދާޅުވިއެވެ.

އޭނާ ވަނީ، ކަންނެލި ގަންނަ ފަރާތްތަކުން ހަމައެކަނި ވަގުތީ ފައިދާއަށް އިސްކަންދިނުމުގެ ބަދަލުގައި މުޅި ސިނާއަތުގެ މަސްލަހަތަށް އިސްކަން ދިނުމަށް ގޮވާލާކަމަށް ވެސް ވިދާޅުވެފައެވެ.

"ކަންނެލި މަސްވެރިކަން ކަންނެތް މަދު ވިޔަފާރިވެރިންކޮޅެއްގެ ކޮންޓްރޯލުން ސަލާމަތްކޮށް ގައުމީ ސިނާއަތަކަށް ހެދުމަށް ކަންނެލި މަސްވެރިން ގޮވާލަން، ބޮޑުކަންނެއްލި މަހަށް ބޭރުގެ އިތުރު މާކެޓްތައް ހޯދާ ޕްރޮމޯޓްކޮށެއް ނުދެވޭ، ޑިއުޓީއާއި ނުލާ ކަންނެލި ބޭރުކުރެވޭނެ އެތައް މާކެޓެއް ހުރިކަން އަޅުގަނޑުމެންނަށް އިނގޭ، އެ މާކެޓްތައް ހޯއްދަވައި ދެއްވާ، މި ސިނާއަތަކީ ދެމެހެއްޓެނިވި ކާމިޔާބު މަސްވެރިކަމުގެ ސިނާއަތަކަށް ހަދައި ދިނުމަށް ގޮވާލަން" މަޢުރޫފް ވިދާޅުވިއެވެ.

ޓޫރިޒަމް އެކަންޏަށް ބަރޯސާވުން ހުއްޓާލާ ޓޫރިޒަމާ އެއްވަރަށް ތަފާތު މަސްވެރިކަމުގެ ބާވަތްތައް އިސްތިހާރުކޮށް މާކެޓް ކޮށްދިނުމަށް ވެސް އޭނާ ވަނީ ކަންނެލި މަސްވެރިންގެ ފަރާތުން ހުށަހަޅުއްވާފައެވެ. އަދި ދައުލަތުގެ ބަޖެޓްގައި ކަންނެލި މަސްވެރިކަން ފުޅާކޮށް، ކުރިއަރުވަން އެއްވެސް މިންވަރެއް އެއްވެސް އިރެއްގައި ކަނޑައެޅިފައި ނުވާކަމީ ކަންނެލި މަސްވެރިންގެ ކަންބޮޑުވުމެއްކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"އެންވެރިކަމާއި، މަސްވެރިކަމަށް ގެއްލުންވާ މަޝްރޫޢުތައް ހުއްޓާލަން ގޮވާލަން، ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅިއާއި، ކަނޑަށް ކުނި އެޅުން ވަގުތުން މަނާކޮށް ހުއްޓާލުމަށް ގޮވާލަން، ކަންނެލި މަސްވެރިން މިތިބީ ފުރިހަމައަށް މިކަމަށް އެއްބާރުލުންދޭން" މަޢުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑިއުޓީ ކަނޑާލާފައި ވީނަމަވެސް މަސްވެރިކަމަށް ބޭނުންވާ ސާމާނުގެ އަގު ހެޔޮ ނުވާކަމަށެވެ. އެކަން މޮނިޓާކޮށް ނުބެލެއްޓޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސްއާއިބެހޭ ޤާނޫނަކާއި، އޮކިއުޕެންސީ ހެލްތު އެންޑް ސޭފްޓީ ޤާނޫނު ފާސްކޮށްދިނުމަށް ވެސް ވެސް ގޮވާލެއްވިއެވެ.

މީގެއިތުރުން ހުޅުމާލޭ ޖެޓީ ސަރަހައްދުން ގިނަ އަސާސީ ޚިދުމަތެއް ނުލިބޭ ކަމަށާއި، އެތަނުން ފާޚާނާކޮށް ފެން ވެރޭނެ ރަނގަޅު އިންތިޒާމެއް ނެތުމުން އެކަން ހައްލުކޮށް ދިނުމަށާއި، ބޭރުގެ ޙާއްޞަކޮށް އިންޑިއާ އަދި ސްރީލަންކާގެ ދާއަޅާ ބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސަލާމަތްކޮށް، ހިމާޔަތްކޮށް ދިނުމަށް ވެސް މައުރޫފް ވަނީ ގޮވާލަށްވާފައެވެ.

"2020ގައި ކޯވިޑާ ކުރިމަތިވުމުން 45 ރުފިޔާ އަށް ގަތް ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ތިރިކުރުމުން ފޫނުބެއްދޭ ގެއްލުމާ ކުރިމަތިލާން ޖެހުނު، މުޅި ރާއްޖެއިން ވެސް އިންކަމް ސަޕޯޓްގެ ގޮތުގައި މަންފާ ނުލިބުނު ބަޔަކީ ކަންނެލި މަސްވެރިން، 40 އަށްވުރެ ގިނަ ދޯނި ވަނީ ދެކޮޅު ނުޖެހި ކަންނެލި މަސްވެރިކަން ހުއްޓާލާއެހެންކަންކަމަށް ދީއްލާލަން ޖެހިފައި" މަޢުރޫފް ވިދާޅުވިއެވެ.

މަސްވެރިން ތަމްރީންކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ބޮޑު ކަންނެލި މަސްވެރިންގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު އަދި މިނިސްޓްރީ އޮފް ފިޝަރީޒްއަށް ޕްރޮޕޯސަލް ހުށަހަޅައިގެން އެކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށާއި، އަތްފޯރާ އަގެއްގައި ސެޓްލައިޓް ފޯނުގެ ޚިދުމަތް ދިނުމަށް ނުވަތަ އެ ޚިދުމަތް މަސްވެރިންނަށް ތަޢާރަފް ވެގެން ދިޔުމަކީ ވެސް ކަންނެލި މަސްވެރިންގެ ހުށަހެޅުމެއްކަން މައުރޫފް ވަނީ ފާހަގަ ކުރަށްވާފައެވެ.

"ކަންކަންކޮށްދޭނެ ކަމަށް ހުސްވާހަކަ ދެއްކުން ހުއްޓާލާ، އެންމެ ކަމެއް ނަމަވެސް ކޮށްދިނުމަށް ކަންނެލި މަސްވެރިން ދަނީ އެދެމުން" މަޢުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަންނެލި މަސްވެރިންގެ ޑިމާންޑްތަކާއެކު، ކުރެވުނު މަސައްކަތުން ސަރުކާރުން ވަނީ އެއްކަމެއް ކޮށްދެއްވާފަ ކަމަށެވެ. އެއީ އައިސްގެ އަގު ހަމަހަމަ ކުރުންކަމަށާއި، އެކަން ފާހަގަ ކުރަށްވާކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑުއެއްސެވުމަށް މިއަދު ވަޑައިގެންދެއްވިކަމަށްޓަަކައި މަސްވެރިންގެ ފަރާތުން ޝުކުރު ދަންނަވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެންހުރި ކަންތައްތައް، ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.