އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި ބާއްވަން ޢިއުލާންކޮށްފައިވާ "ކޮތަރުކޮށި ޖަލްސާ" މާލޭގެ ކާނިވާ ސަރައްދުގައި ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ބުނެފައިވާ ގޮތުގައި "ކޮތަރުކޮށި ޖަލްސާ" ދެން އޮންނާނީ މާދަމާ ރޭ މާލޭގެ ކާނިވަަލުގައެވެ. އެ ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ 20:30 ގައެވެ.

Ad
rt

ދެވަނަ ފޭސްގެ ހިޔާފްލެޓް ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ޖަލްސާ މާލޭގައި ބާއްވަން ނިންމީ ހިޔާފްލެޓްތަކުގެ ކައިރީގައި ޖަލްސާ ބާއްވަން ސަރުކާރުން ފުރުސަތު ނުދިނީމާ ކަމަށެވެ.

އެ ސަރަހައްދުގައި ޖަލްސާ ބާވަން ސަރުކާރުން ފުރުސަތު ނުދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބަައްދަލުކުރައްވަން އުޅުއްވާތީ ކަމަށް ވެސް އަދުރޭ ވަނީ ތުހުމަތު ކުރަށްވާފައެވެ.

އެ ޖަލްސާ މާލެއަށް ބަދަލުކޮށް، ޕްރޮގްރެސިވް ކޯލިޝަނުން ފުރަތަމަ ނިންމީ އެ ޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވާށެވެ. ނަމަވެސް އެ ޖަލްސާ ކާނިވަލަށް ބަދަލުކުރީ އުސް ފަސްގަނޑަކީ ސަރުކާރުގެ ބިމެއް ކަމަށާއި އެތަނަށް ކަރަންޓު ވެސް ގުޅައިދެވެން ނެތް ކަމަށް އެންގުމުން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

މި ޖަލްސާ ހުޅުމާލޭ ފޭސް ދެއެއްގައި ބާއްވަން ނިންމުމުން އެޗްޑީސީން ވަނީ އެ ޖަލްސާ ބާއްވަން އުޅެނީ ހުއްދަ ނުނަގާކަމަށް ބުނެ އެކަން ހުއްޓުވާފައެވެ. އެ ޖަލްސާ އެތަނުގައި ބާއްވަން އެ ކޯލިޝަނުން ހުއްދަ ހޯދާފައި ވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

އެންމެފަހުން އެ މައްސަލަ ހޫނުވެ، ސިޓީ ކައުންސިލުން ވަނީ ފޭސް އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ވެސް ބާތިލުކޮށްފައެވެ.