ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ.
ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. ނަމަވެސް އޭރުވެސް އެ އާއިލާގެ މާލީ ހާލަތުގެ ދަތި ކަމުގެ ސަބަބުން ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް މާލޭގައި މަޑުކޮށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދެވިފައިނުވެއެވެ.
ލުޔޫންގެ އުމުރުން މިހާރު ތިން އަހަރު ފުރި ހަތަރު އަހަރާއި ގާތްވެފައިވާއިރު، މި ފަހުން ލުޔޫން ޑޮކްޓަރަށް ދައްކާފައި ވަނީ ކުޑަކަމުދާ ނިޒާމުން ލޭގެ އަސަރު ފެނުމާއި ގުޅިގެންނެވެ. ފުރަތަމަ ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕޮޓަލަށް ދެއްކުމުން އެ ހޮސްޕިޓަލުގެ އެދުމުގެ މަތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލުޔޫން ދެއްކިފައިވެއެވެ. އެ ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ލުޔޫންގެ ހިތް އިންނަންވާވަރަށް ވުރެ ބޮޑުކަން ފާހަގަ ކުރެވިފައިވެއެވެ. މީގެ އިތުރުން ކިޑްނީގެ މައްސަލަތަކެއް ފާހަގަ ކުރެވުމާއިއެކު އެ ހޮސްޕިޓަލުގައި އެގާރަވަރަކަށް ދުވަހު ބޭއްވުމަށް ފަހު ލުޔޫން ވަނީ އައިޖީއެމްއެޗަށް ފޮނުވާލައި އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ.
އައިޖީއެމްއެޗަށް ލުޔޫން ބަދަލުކުރިއިރު ވާތުފަޔާއި އަދިވެސް ހަށިގަނޑުގެ ބައެއް ތަންތަނުން ދުޅައިގެ އަސަރު ހުރުމުގެ ސަބަބުން ލުޔޫންއަށް ހިނގާވެސް ނޫޅެވެއެވެ. އެ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރުންނަށް ވެސް ދައްކައި ފަރުވާކުރަމުން އައި ނަމަވެސް އަދިވެސް ލުޔޫންއަށް ހިނގާނޫޅެވެއެވެ.
އައިޖީއެމްއެޗުން ހެދި ޓެސްޓުތަކަށް ފަހު ލުޔޫންގެ ކިޑްނީގައި ހުރީ ސީދާ ކޮން މައްސަލައެއްކަން އެންމެ ރަނގަޅަށް މިހާތަނަށް ދެނެގަނެވިފައި ނުވުމާއި އަދި ހިތުގެ މައްސަލައަށް ވެސް އިތުރު ފަރުވާ ބޭނުންވާތީ ޑޮކްޓަރު ލަފާދީފައި ވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށެވެ.
ލުޔޫންގެ އާއިލާއަކީ މާލީގޮތު އެހާތަނަވަސް އާއިލާއެއް ނޫނެވެ. އާސަންދައިގެ ދަށުން ބައެއްކަހަލަ ޚަރަދުތައް ހަމަޖެހުނު ނަމަވެސް އިންޑިއާގައި ތިބެންޖެހޭނީ ކިހާ މުއްދަތެއްކަން ވެސް ލަފާކުރަން ނޭނގުމާއި ދަތުރަށާއި ފަރުވާއަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެތީވެ އެ އާއިލާއިން އެދެނީ ލުޔޫންގެ ފަރުވާއަށް ކޮންމެ ބޭފުޅަކަށް ވެސް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.
ލުޔޫންއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:
ރުފިޔާ އެކައުންޓް ނަމްބަރ: 7714352379101
ނަން: ޝިއުނާ އިބްރާހީމް (ކުއްޖާގެ މަންމަ) 9702890
ޑޮލަރު އެކައުންޓް ނަމްބަރ: 7730000386501
ނަން: އަހްމަދު މާޖިދު (ކުއްޖާގެ ބޭބެ) 9708277
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!