އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައިވެސް ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ޓޫރިމަށް ޑރ. ޢަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަފަފުޅުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި ޕްރޮގްރާމް ޑިޒައިންކޮށް، މި ތަމްރީން ޕްރޮގްރާމް ފުރިހަމައަށް އިންތިޒާމް ކޮށްދެއްވިކަަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަށާއި، އެ މިނިސްޓްރީގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަށްވާފައެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރިސޯޓުތަކުގެ އިމާމުންނަށް މި ދާއިރާއިން އިތުރަށް ތަޢުލީމާއި ތަމްރީނު ޙާސިލުކުރުމަށް މަގުފަަހިކޮށްދެއްވުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ. މިގޮތުން މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައި ވެސް ތިބުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، މި ޕްރޮގްރާމަކީ، ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްގެ އެދިވަޑައިގަތުމުގެ މަތިން ފަރުމާކުރެއްވި ޕްރޮގްރާމެކެވެ. އެހެންކަމުން މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވަނީ، ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިކަމަށް ދެއްވި އިސްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެދިލައްްވައިފިނަމަ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް އެ އިސްލާމިކް މިނިސްޓްރީ އޮތީ ތައްޔާރަށެވެ.
ކައިރި ރަށްރަށުން އިމާމުންނާއި ޚަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ޙައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ޚަތީބުން ތަމްރީނުކުރުން މައިގަނޑު މަޤްޞަދެއްކަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޚުޠުބާ ކިޔާނެ ގޮތާއި، ތިލާވާ، ނަމާދުގެ ފިޤުޙު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ވަނީ ދީފައެވެ.
މި ޕްރޮފްރާމް ނިންމުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި މިއަދު ބާއްވަފައިވާއިރު، މި ޕްރޮގްރާމްއިން ފާސްވި 87 ފަރާތަކަށް ވަނީ ސަނަދު ޙަވާލުކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ.
މި ޕްރޮގްރާމުން ސަނަދު ޙާސިލްނުވި ބައިވެރިންނަށް 2022 ވަނަ އަހަރުގެ ޖަނަވަރީމަހުގައި އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!