ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ މުނާސަބަތުގައި ހއ. މުރާދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މުރާދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މުރާދު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވާ ކަމަކަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 9 ވަނަ ދުވަހު މެންދުރު 13:30 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމް ފުރުއްވުމަށް އެ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސްރޭހުގައި ޓީމެއްގައި އެންމެ ގިނަ ވެގެން ބައިވެރި ވެވޭނީ 10 މީހުންނަށެވެ. އަދި މަދުވެގެން އެންމެ މީހަކަށްވެސް ބައިވެރިވެވިދާނެ ކަމަށް އެކައުންސިލްއިން ވަނީ ވިދާޅުވެފައިވެއެވެ. އަދި މި މުބާރާތުގައި ކިތަންމެ ގިނަ އަދަދެއްގެ ޓީމަކުންވެސް ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ހުކުރު ދުވަހު މެންދުރު 15:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މަސްރޭސް ނިންމުމަށް ހަމަޖެހިފައިވަނީ އެރޭގެ 19:30 ގައެވެ. އެކައުންސިލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސްރޭހުން 1 ވަނަ އަށް ދާ ޓީމަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 2 ވަނަ އަދި 3 ވަނަ އަށް ދާ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ ގިފްޓް ޕެކެކެވެ.
މުރާދޫ ކައުންސިލްއިން ވިދާޅުވީ މި މަސްރޭސް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަން ކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމެވެ. މީގެ އިތުރުން ރަށުގައި ކުރިއަށް ގެންދާ މިފަދަ ހުރިހާ ހަރަކާތްތަކެއްގައި ޒުވާނުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަ ކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!