ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

Ad
rt

އެ މިނިސްޓްރީއިން ފާހަގަ ކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަޙައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މިހާރުގެ ސަރުކާރުގެ ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ 2019 ވަނަ އިއުލާން ކުރައްވާފައެވެ.

އެމަނިކުފާނު މިފަދައިން އިއުލާން ކުރައްވާފައިވަނީ އެ އަހަރު ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެން ދާން މަސައްކަތް ކޮށްފައިވާތީ އެވެ.

އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް އޮފީހުން ކުރެއްވި ބުރަ މަސައްކަތްޕުޅުން މުޅިން އަލަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް އެކުލަވާލެވިގެންދިއުމާއި އެކު، (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްވާފައިވާ ޚާއްޞަ އިސްކަން ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓްރީއިން ވަނީ އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މި ސެންޓަރ ހުޅުވައިދެއްވާފައިވަނީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.