މިހައަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ އަޑު އިއްވުމަށް އިހްތިޖާޖަކަށް ތައްޔާރުވަމުން ދާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 އަކީ، ބީކޭއެމްޔޫގެ ވެސް ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާގެ އިފްތިތާޙީ ޖަލްސާބާއްވައި، ފުރަތަމަ ހިންގާ ކޮމިޓީ އިންތިޙާބު ކޮށްފައި ވަނީ މިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ބީކޭއެމްޔޫގެ އަހަރީ ދުވަހުގެ ހަރާކާތްތަކާގުޅޭ މައުލޫމާތު ހޯދާލަން "ތިލަދުން" އިން ގުޅާލުމުން، އެ ޖަމިއްޔާގެ އަހަރީ ދުވަހުގެ ހަރަކާތްތައް ރާވާ ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވާ އަދި އެ ޖަމިއްޔާގެ އުފެއްދުމުގައި ވެސް އިސްސަފުގައި މަސައްކަތް ކުރެއްވި، މައުރޫފް ޒާހިރު (މާއްޓޭ) ވިދާޅުވީ، ބީކޭއެމްޔޫގެ އަހަރީ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ބާރަށް ކުރިއަށް ދާކަމަށެވެ. އަދި އަހަރީ ޖަލްސާއަށްފަހު ބޮޑު ކަންނެލި މަސްވެރިންގެ އަޑު އިއްވުމުގެ އިހުތިޖާޖަކަށް ވެސް ތައްޔާރުވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
"މިދިޔަ އަހަރު ދުވަހު ބީކޭއެމްޔޫއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި، މިނިސްޓްރީއަށާއި، މަޖިލީހަށް އަދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފަހުރި ކަންނެލި އިންޑަސްޓްރީގެ ކަންބޮޑުވުންތަކެއް އެބަހުރި، ނަމަވެސް އެކަންކަމަށް އެދެވޭ ހައްލެއް އައިސްފައި ނުވާތީ ބޮޑުކަންނެލި މަސްވެރިން ބީކޭއެމްޔޫގެ މެންބަރުން ބޭނުންވަނީ އަޑުއިވޭ ވަރުގެ އިހުތިޖާޖެއް ކުރަން،" މަޢުރޫފް ވިދާޅުވިއެވެ.
ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯޝިއޭޝަން (ޓީމް)ގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މަޢުރޫފް ވިދާޅުވީ، އެ އިހްތިޖާޖް ފެށޭނީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި ކަމަށެވެ. މިގޮތުން ކަންނެލި ދޯނިފަހަރުގައި މަސްވެރިން ތިބެގެން އަޑު އުފުލުމުގެ އިވެންޓެއް މިހާރު ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީކޭއެމްޔޫގެ މެންބަރުގެ ގޮތުގައި 100 ކަންނެލި ދޯނި ހިމެނެއެވެ. މިހާތަނަށް އޭގެތެރެއިން 75 ވަރަކަށް ދޯނި މި އިހްތިޖާޖުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ލިބިފަވާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.
"އެހެންވީމަ އެ އިވެންޓަށް ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ، ކަންނެލި މަސްވެރިން ތިބީ ވަރަށް ހިތްހަމަނުޖެހިފައި، އެ މަސްވެރިންގެ އުދާސްތައް މިފަހަރު ރައީސް އޮފީސް ކުރިމައްޗަށް ބަންޑުންކޮށްލާނެ، މަސްވެރިންގެ އާދޭހަށް ގޮތެއް ނުނިންމައިފިއްޔާ އެއަށްވުރެ ފޯރިގަދަ ވެސް ވެދާނެ،" މަޢުރޫފް ވިދާޅުވިއެވެ.
ބީކޭއެމްޔޫގެ އަހަރީ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މެންދުރުފަހު 2 ޖަހާއިރު ކަންނެލި ދޯނިތަކުގައި ތިބެގެންނެވެ. މި ހަރަކާތް ކުރިއަށް ދާނީ މާލޭ ސަރަހައްދުގެއެވެ. އެ ދުވަސް ބޮޑުކަންނެލި މަސްވެރިންގެ އިހްތިޖާޖް ފަށަން ނިންމާފައި ވަނީ އެ ދުވަހުގެ ހަވީރު 4 އިން ފެށިގެން ކަމަށް ބީކޭއެމްޔޫއިން މައުލޫމާތު ދެއްވައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މި ޖަމިއްޔާއިން އަންނަނީ ކަންނެލި މަސްވެރިންނާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގައި، ކަންނެލި މަސްވެރިންގެ ހައްގުގައި އަޑު އުފުލައި މިނޫންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!