ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދީ، ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް-19 ގެ އާ ވެރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ 'ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި
ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައިވާކަން ފާހަގަ ކުރަށްވާފައެވެ.
ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާހަގަކޮށް މި ޓޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ގޮވާލާފައިވާކަމަށާއި، އަދި މިވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް އެޖަމިއްޔާއިން ގޮވާލާފައިވާކަން އެ އިދާރާއިން ފާހަގަ ކުރަށްވައެވެ.
އެޗްޕީއޭއިން ވިދާޅުވީ، މި ޓޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ މައުލޫމާތުތައް އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ޓޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމުގައި ވެސް މައުލޫމާތު ލިބެމުންދާކަމަށެވެ. އަދި މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވާ ކަމަށެވެ.
"ދިވެހި ރާއްޖެއިންވެސް މިހާރު މިވަނީ މި ފޭރިއަންޓް ފެނިފައެވެ. ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެކެވެ. ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައި ވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ." އެޗްޕީއޭއިން ވިދާޅުވެފަވެއެވެ.
އެ އިދާރާއިން ވިދާޅުވި ގޮތުގައި ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ޓޭރިއަންޓްކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވާފަ ވެއެވެ.
"ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ. ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި
އޭޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ. އާ ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ، ކޯވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ." އެޗްޕީއޭއިން ވިދާޅުވެފަވެއެވެ.
މި ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހިއްޖެނަމަ ހަތް ފިޔަވަޅެއް އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އެ ފިޔަވަޅުތަކަކީ:
- މާސްކް އެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން،
- ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަގަޅުގޮތުގައި ކަރަންޓީނުވުން،
- ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުން،
- އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއި އާންމުކޮށް އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން،
- ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން،
- އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާއެއްގޮތަށް އަމަލުކުރުން،
- ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޮސްޓަރ ޑޯޒް ޖެހުން،
މީގެއިތުރުން އެޗްޕީއޭއިން ވަނީ، ކުރިއެކޭވެސް އެއްގޮތަށް ބަލީގެ ޙާލަތަށް ބަދަލުތައް މޮނިޓަރކޮށް ބަލަމުން ގެންދަވާނެ ކަމަށާއި، ބަލިކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް ޙާލަތާގުޅިގެން އަޅަމުންދާނެކަމުގައި ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!