ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ދެބެންކަމަށްވާ އާމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފިއެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ބައްދަލު ކޮށްފައިވަނީ އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާއާއެވެ. މެހްރީން އާއި އަރާތީގެ ޕެއާ އިން ވަނީ 21-14 އާއި 21-02 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.
މި މުބާރާތުގައި މިކްސް ޑަބަލްސްގެ ކުއާޓާގައި އިއްޔެ ޒަޔާން ޒަކީއާއި ނަބާ ވަނީ ވާދަކޮށްފައެވެ. ކުއާޓާގައި ޒަޔާންއާއި ނަބީ ބަލިވެފައި ވަނީ އިންޑިއާގެ ނަޒީރު ހާން އާއި ނިލާ ވަލުވަންގެ ޕެއާގެ އަތުންނެވެ. މި މެޗުގެ ސެޓްތައް ގޮސްފައި ވަނީ 23-21 އަދި 21-10 އިންނެވެ.
އަންހެން ޑަބަލްސް ޕެއާގެ ދުނިޔޭގެ ރޭންކިންގެ 117 ވަނާގައި މިވަގުތު އޮތް ނަބާއާއި ނަބީގެ ޕެއާ ދެން ވާދަކުރާނީ މި މަހުގެ 12-19 އަށް ސްޕެއިނުގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންތަކެއް ދުނިޔޭގެ މުބާރާތުގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.
ނަބާއާއި ނަބީގެ ޕެއާއަކީ މިހާތަނަށް ބެޑްމިންޓަނުން ރާއްޖެއަށް ބައިނަލްއަޤުވާމީ މުބާރާތްތަކުން އެންމެ ގިނަ ކާމިޔާބު ހޯދައިދީފައިވާ ޕެއާއެވެ. މި ޕެއާވަނީ ބެޑްމިންޓަނުން ރާއްޖެއަށް މިހާތަނަށް ބައިނަލްއަޤުވާމީ 10 މެޑަލް ހޯދައިދީފައެވެ. އޭގެތެރޭގައި ހިމެނެނީ ރަންމެޑަލްއަކާއި ހަތަރު ރިހިމެޑަލްގެ އިތުރުން ފަސް ލޯމެޑަލްއެވެ.
މި ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. އެއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެއަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!