ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންް ކުރުމުގެ ގޮތުން އެ ކުންފުންޏަށް ރިވެލި އެވޯޑް ދީފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ ރިވެލި އެވޯޑް ދީފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެވޯޑު ފެނަކައާ ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ފެނަކައިގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
މިއަހަރު ރިވެލި އެވޯޑް ހަ ފަރާތަކަށް ވަނީ ދީފައިވެއެވެ. ފެނަކައަށް މި އެވޯޑް ލިބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ އިންނެވެ.
ފެނަކައިން ބުނިގޮތުގައި، މި އެވޯޑް އެ ކުންފުންޏަށް ލިބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރިއަރުވަން ވަޒީފާގެ މާހައުލުގައި ހަމަހަމަކަމާއެކު ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!