މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު އައްޔަނުކޮށްފިއެވެ.
އެ މަގާމަށް ތޫބާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ޠޫބާ އައްޔަނުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އޭނާ މިއަދު އެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފައްޓަވާނެ ކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ.
ޠޫބާ އަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެކެވެ. އަދި އޭނާ އަކީ އަދާލަތު ޕާޓީގެ ޙަރަކާތްތަކުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރަށްވާ ޚާއްޞަގޮތެއް މީސް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.
މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި އަދާލަތު ޕާޓީގެ މެންބަރުން ތެރެއިން ވެސް ޠޫބާ އަކީ ފާހަގަކޮށްލެވޭ އެއް މޫނެވެ. އޭރު އިދިކޮޅުން ހިންގި މަގުމަތީ ހަރަކާތްތަކުގައި ވެސް އޭނާ އަކީ ވަރަށް ކުރީ ސަފުން ފެނުނު މޫނެކެވެ. އެ ހަރަކާތްތަކުގެ ތެރެއިން އޭނާ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ވެސް ވެއެވެ.
ތޫބާ ވަނީ އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓް ކެލާ ދާއިރާއަށް ކުރިމަތިލަށްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާޙީމް ޝަރީފަށް ތާއީދުކުރަށްވާ، އަމިއްލަ ކެމްޕެއިން މަޑުޖައްސާލަށްވާފައެވެ.
ތޫބާ ނިސްބަތް ވަނީ ހއ. އަތޮޅަށެވެ. އޭނާގެ ބައްޕައަކީ، ކުރީގެ ގާޒީއެއް ކަމަށްވާ، ހއ. ކެލާ ޢަބުދުﷲ ރަޝީދު އާންމުނަމުން ނަމަ ކެލާ ކުޑަ ސީދީ އެވެ. މަންމަ ނިސްބަތްވަނީ ހއ. ހޯރަފުއްޓަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!