ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ މިއަދު މިކަން ކަށަވަރު ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ދެ ކޭސވެސް ފެނުނީ ކަރްނާޓަކާއިންނެވެ.

Ad
rt

އޮމިކްރޯން ފެނުނު ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެ ގައުމުން ބުނެއެވެ.

ކޯވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމްނިކޮރޮން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 24 ގައި ދެކުނު އެފްރިކާގެ ސަރަހައްދުންނެވެ.

އޮމިކްރޯން ވޭރިއަންޓާއި ބެހޭ ގިނަ ދިރާސާތައް ސައިންސްވެރިން ކުރަމުން އަންނަ އިރު، މި ވޭރިއަންޓް ފެނިފައިވާ ސައުތު އެފްރިކާގެ ގައުމުތަކުގެ މީހުން، ގިނަ ގައުމުތަކަކުން ވަނީ އެރުން މަނާކޮށްފައެވެ.

ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ވޭރިއަންޓްއަށް ޕޮޒިޓިވް ވެފައިވާ މީހުން ދަނީ ފެންނަމުންނެވެ. މި ވޭރިއަންޓްއިން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް އެއްވެސް ދިނުމަށް ގައުމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

ސްކޮޓްލޭންޑް، ޕޯޗުގަލް، ކެނެޑާ އަދި އިނގިރޭސިވިލާތުން މި ވޭރިއަންޓް ފެނިގެން ރިޕޯޓް ކުރެވިފައިވާއިރު، ނެދަލޭންޑްސް އިންވެސް ވަނީ އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވެ ވެފައިވާ ބަޔަކު ފެނިގެން ރިޕޯޓްކޮށްފައެވެ. ސައިންސްވެރިން އަންދާޒާކޮށްފައިވާ މިންވަރަށް ވުރެން އިތުރަށް މި ވޭރިއަންޓް ޔޫރަޕުގެ ގައުމުތަކުން ފެންނަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ޑަބްލިޔު.އެޗް.އޯ އިން ވަނީ ހާމަކޮށްފައެވެ.