ސައުތު އެފްރިކާއިން ފެނިފައިވާ އޮމިކްރޯން ވޭރިއެންޓާއި ގުޅިގެން ދުނިޔެ އަށް އޮތް ނުރައްކާ "ވަރަށް ބޮޑު" ކަމަށާއި ނަތީޖާ ވަރަށް ގޯސްވެދާނެ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފި އެވެ.

ޑަބްލިޔު.އެޗް.އޯ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސައުތު އެފްރިކާއިން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓްއާއި ބެހޭ ދިރާސާތައް ކުރަމުން އަންނަކަމަށާއި މިހާތަނަށް ހޯދިފައިވާ މިންވަރު ދައްކަނީ މިއީ ވެސް ނުރައްކާތެރި ވޭރިއަންޓެއްގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.

Ad
rt

ސައުތު އެފްރިކާއިން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފެންނަމުންދާއިރު، ސައިންޓިސްޓުން ދަނީ މި ވޭރިއަންޓްއިން ދިފާޢުވުމަށް ހައްލުތައް ހޯދަމުންނެވެ.

ޖަޕާނުން އެގައުމުގެ ބޯޑަރު ބަންދުކޮށްފައިވާއިރު މޮރޮކޯއިންވެސް ވަނީ އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކާއި ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ ސައުތު އެފްރިކާ ހިމެނޭހެން އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގެ ފަތުރުވެރިންނަށް ބޯޑަރު ބަންދުކޮށްފައެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކުން ސައިންސްވެރިނަށް ޔަގީން ކުރެވިފައިވާ އެއް ކަމަކީ، ވައިރަސް މިއުޓޭޓް ވުންވެސް އަވަސް ވެފައި އަދި ގައިންގަޔަށްވެސް ފަސޭހަކަމާއެކު އެރުން އެންމެ އަކަށީގެންވަނީ ވެކްސިން ނުޖަހާ މީހުންގެ ގަޔަށްކަމަށެވެ.

ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި ގިނަ ބަޔަކަށް ހީވެފައިވަނީ މުޅި ދުނިޔެއިން ކޮވިޑް 19 ފިލަނީ ކަމަށެވެ. ނަމަވެސް މިއީ ހަޤީގަތް ނޫންކަމަށާއި ކޮވިޑް 19 އިން ރައްކާތެރިވުމަށް އެންމެ ގުޅިގެން މަސައްކަތްކޮށް ވެކްސިން ޖެހުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކޮވިޑް 19 އިން ދިފާއުވުމަށް ނުވަތަ ކޮވިޑް 19 ޖެހިއްޖެ ނަމަ ކުރާ އަސަރު ކުޑަކޮށްދޭ ހަމަ އެކަނި ފަރުވާއަކަށް މިހާތަނަށް ހޯދިފައިވާ ވެކްސިންތައް އޮމިކްރޯން ވޭރިއަންޓްއިން ދިފާއުވުމަށް ވެސް ޖެހުމަށް ގިނަ ގައުމުތަކުން ދަނީ ބޫސްޓާރ ޑޯޒް އެއް ޖެހުމަށް ތައްޔާރުވަމުންނެވެ. .