ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ވިޔަރެއާލް ދަނޑުގައި އެ ޓީމް ބަލިކޮށް ބާސެލޯނާއިން ރަށުން ބޭރުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ބާސެލޯނާގެ މެންފިސް ޑިޕާއީއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން އެ ޓީމްގެ ގަވީ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ވިޔަރެއާލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ
މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ފެނިފައި ވަނީ ދެވަނަ ހާފުގައެވެ. ބާސާއިން މެޗުގައި ފުރަތަމަ ލަނޑު 48 ވަނަ މިނެޓުގައި ޖަހާފައިވާއިރު، މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޑިޖޮންއެވެ. ނަމަވެސް 76 ވަނަ މިނެޓުގައި ވިޔަރެއާލުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޗުކުވޭޒީއެވެ.
މި މެޗުން ބާސާ މޮޅުވެފައި ވަނީ މެޗުގެ ފަހުވަގުތު އެ ޓީމުން ކާމިޔާބުކުރި ލަނޑު ތަކުންނެވެ. ބާސާގެ ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި ޑިޕާއީ ކާމިޔާބު ކޮށްދިންއިރު، އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ކުޓީނިއޯއެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ބާސާއިން 14 މެޗު ކުޅެފައިވާއިރު މި މޮޅަކީ ރަށުން ބޭރުގައި ހޯދުނު ފުރަތަމަ މޮޅެވެ.
މި ނަތީޖާއާއިއެކު ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. މެޗުން ބަލިވި ވިޔަރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!