ށ. މިލަންދޫއިން އޭ ޒޯން ލައިސެންސްގެ ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ އެރަށުގައި އޭ ޒޯން ލައިސެންސް ޚިދުމަތް ދޭން ނިންމާފައި މިވަނީ ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް އަވަސް އަދި ފަސޭހަ ކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ.
އެގޮތުން މި ޚިދުމަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން ޓްރެކްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. އަދި މަސައްކަތް ހަވާލު ކުރެވިފައިވަނީ ބީލަމަށް ހުށައަޅައި އެންމެ އަގުހެޔޮކޮށް އެ މަސައްކަތް ކުރުމަށް އެދިލައްވާފައިވާ އެރަށުގެ "ސަންޝައިން އިންވެސްޓްމަންޓް" އާ ކަމަށާއި އެފަރާތަކީ އެ ދާއިރާގައި ތަޖުރިބާކާރު ފަރާތެއް ކަމަށް ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. މި ބީލަމަށް ހުށައަޅާފައި ވަނީ މި ނޮވެމްބަރ މަހުގެ 09 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ލައިސެންސް ގެ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނުތައް ހޯދުމަށް މި ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު އެކައުންސިލުން ވަނީ ބީލަމަށް ހުށައަޅާލާފައެވެ.
ރަށުގެ ތަރައްޤީއަށް އަލަށް ތަޢާރަފް ކުރެވިގެންދާ މި ޚިދުމަތުގެ ތެރެއިން ކާޑް ވެސް ޕްރިންޓް ކުރެވިގެން ދާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ. އަދި ސީ ޒޯން ލައިސެންސް ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މި ފަހުން ވަނީ އެ މުއްދަތު އިތުރުވެސް ކޮށްފައެވެ.
އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެ މުއްދަތު އިތުރު ކޮށްފައި މިވަނީ ރަށުގައި ގެންގުޅޭ ރަށުޕިކަޕު ތަކުގެ ވެރިފަރާތްތަކުން ލައިސެންސް ނަގާފައި ނުވާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ސީ ޒޯން ލައިސެންސް ދޭ ފަރާތަތަކަށް ލައިސެންސް ދޫކުރުމަށް އަތޮޅު ކައުންސިލްގެ ފަރާތުން ހާއްސަ ޓީމެއް އައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މިލަންދޫ ކައުންސިލުން ވިދާޅުވާ ގޮތުގައި އޭ ޒޯން ލައިސެންސް ދިނުމުގެ ޚިދުމަތް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފޯރުކޮށްދިނުމަށް މަސައްކަތް ދަނީ ކުރެވެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!