ކޯވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން"އަކީ ބޮޑުކަންބޮޑުވުމެއް ކަމަށާއި، އެ ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގްޓީމް) ބައްދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ކޯވިޑްގެ އާ ވޭރިއަންޓް، "އޮމިކްރޯން"އާމެދު ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ މަޝްވަރާ ޓެގް ޓީމުން މިއަދު ކުރިއަށް ގެންދާނެކަން ފާހަގަކުރަށްވައި، ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް މިހާރު ކޯވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޝޮޓެއް ދެމުންދާ ކަންވެސް ފާހަގަ ކުރަށްވާފައެވެ.

Ad
rt

އަދި ސިއްހީ، ޓޫރިޒަމް އަދި އެއާޕޯޓް ފްރޮންޓްލައިން ސްޓާފުންނަށް ބޫސްޓާ ޝޮޓް ދިނުމަށް މި ހަފްތާގައި ފަށާނެ ކަމަށާއި، އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓަރ ޕްރޮގްރާމް ފަށާނީ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިޙް ވަނީ، ހުރިހާ ފަރާތްތަކުންވެސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ކޯވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން" ފެތުރެން ފެށުމާ ގުޅިގެން، ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ބުނެފައެވެ.