ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މިއަދު ހަވާލު ކުރީ ބ. ކެންދޫއާއި ދަރަވަންދޫ އަދި ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ.

Ad
rt

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކޮށް،!ގްރޮއިން ޖަހައި ބޮޑުހިލައިގެ ރިވެޓްމެންޓު ޖަހާނެއެވެ. އަދި 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދުވެސް ހަދާނެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއަކީ 39.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 490 މީޓަރުގެ 7 ބްރޭކްވޯޓާ އަދި 96 މީޓާރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި އުތުރުފަރާތު ގޮނޑުދޮށަށް ވެލި އަޅާނެއެވެ.

މިއީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ހުޅަނގުފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓެއް ގާއިމު ކޮށް 50 މީޓަރު 15 މީޓަރުގެ ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމާއި 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 165 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 11.64 މިލިއަން ރުފިޔާއަށެވެ.