ލޯކަލް ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ވަނީ ފަށާފައެވެ.
މި ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން، ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދާނެކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފުލުހުންގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓު ތަކުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި، ފުލުހުންގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާއި، ފަސް ރީޖަންގެ ކޮމާންޑަރުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ކައުންސިލްތަކާ އަދި ޖަމުއިއްޔާތައް ހިމެނޭހެން 35 ބައިވެރިން ބައިވެރިން ބައިވެރިވެއެވެ.
ފުލުހުންގެ ގާނޫނުގައި އެ މުއައްސަސާގެ ހިދުމަތް ލާމަރުކަޒީކޮށް ދިނުމަށް ބަޔާންކޮށްފައިވާއިރު، އަދި ފުލުހުންގެ ހިދުމަތް ދޭންވާނީ ލާމަރުކަޒީ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާ އެއްގޮތަށް، އެ ހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަކަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން އެ ގާނޫނުގައި ރައްޔިތުންނާއި، ކައުންސިލުތަކާއި މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ މަސައްކަތަށް ހޯދުމަށްޓަކައި ހަރަކާތްތައް ރާވައި ހިންގުމާއި، އިސްކަންދީގެން މަސައްކަތްކުރާނެ ކަންތައްތަކުގެ ތާވަލެއް ނުވަތަ ޕްލޭނެއް، ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް އެކުލަވާލައި ހިންގުމާ އަދި ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް ކައުންސިލްތަކުގެ މަޝްވަރާގެ މަތިން ފުލުހުން އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!