ރ. ވާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމުމުން އެކަމާ އެރަށުގެ ބައެއް ޒުވާނުން ހިތްހަމަނުޖެހުންފާޅުކޮށްފިއެވެ.
ވާދޫ ކައުންސިލުން 22 ނޮވެމްބަރ 2021 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީދާ ހިފުމުގެ މުބާރާތެއް ކުރިއަށް ގެންދާ އެންމެ ބޮޑު މަޤުޞަދަކީ ރަށުގައި މީދާ އިތުރުވުމުގެ ސަބަބުން، މީދަލުގެ ފަރާތުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުން ކަމަށެވެ.
މި މުބާރާތް ޖުމްލަ ދިހަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 18:00 ގައެވެ. މުބާރާތް ނިންމާލުމަށް ހަމަޖެހިފައި ވަނީ 05 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައެވެ.
މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީދާ އިތުރުވުމުގެ ސަބަބުން، މީދަލުގެ ފަރާތުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުން ވާދޫ ކައުންސިލުން މި މުބާރާތް ބާއްވަން ޢިއުލާންކޮށްފައި ވަނިކޮށް އެރަށު ޒުވާނުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން އެ ޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންތިއްބާ ފެނެއެވެ. "ބޭނުންވަނީ މީދާ މުބާރާތެއް ނޫން، ފުޓްސަލް މުބާރާތެއް"، "ކައުންސިލްގެ މެޖޯރިޓީ ފުޓްސަލް މުބާރާތަށް ނުލިބި މީދާ މުބާރާތަށް ލިބިއްޖެ" މިފަދަ އިބާރާތްތައް އެ ބޯޑުތަކުގައި ލިޔެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!