އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކުގެ ހިދުމަތަށް މިވަނީ ކިހިނެތް؟

bankofmaldives

ދިވެހިންގެ ބޭންކް، ނުވަތަ ބީއެމްއެލްގެ ހިދުމަތްތައް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ކެނޑެއެވެ. ނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. ހިދުމަތްތައް މެދު ކެނޑޭތާ ދެ ހަފުތާއަށްވުރެއް މިވަނީ ގިނަ ވެފަ އެވެ. އިރުއިރުކޮޅާ ހިދުމަތް މެދުކެނޑެނީއެވެ. އެއަށްފަހު އިއްޔެ ވެގެންދިޔައީ ގިނަ ކަސްޓަމަރުންނަށް އުނދަގޫތަކާ ކުރިމަތިވި ދުވަހަކަށެވެ.

އިއްޔެ ބީއެމްއެލްގެ ހިދުމަތްތައް ހެނދުނުން ފެށިގެން އޮތީ މެދުކެނޑިފައެވެ. ދޭތެރެދޭތެރެއިން ހިދުމަތް ރަނގަޅުވި ނަމަވެސް ގިނަ ވަގުތު އެ ބޭންކުގެ އެޕާއި ޕީއޯއެސް އާއި އޭޓީއެމްތަކުގެ ހިދުމަތްތައް ދިޔައީ މެދުކެނޑެމުންނެވެ. މިކަމާ ގުޅޭގޮތުން އިއްޔެ މެންދުރު ބޭންކުން ބުނެފައިވަނީ އެއީ އަޕްގްރޭޑިން މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވި ކަމެއް ކަމަށެވެ.

އާއްމުކޮށް ބޭންކުގެ އަޕްގްރޭޑިންގެ މަސައްކަތް ކުރަނީ ދަންވަރާއި ފަތިހާ ދެމެދުގެ ވަގުތުތަކުގައެވެ. އެވަގުތު އަޕްގްރޭޑިން މަސައްކަތް ކުރާއިރު ހިދުމަތް މެދު ކެނޑުނަސް ގިނަ ބަޔަކަށް އޭގެ ސަބަބުން އަސަރެއް ނުކުރާނެއެވެ. ނަމަވެސް މިދިޔަ ހަފުތާއިން ފެށިގެން ދަންވަރު މި މަސައްކަތް ކުރި ނަމަވެސް ދުވާލު ވަގުތު މައްސަލަތައް ދިމާވެއެވެ. މިކަމާ ގުޅޭ ތަފްސީލް ބޭންކުން ހާމަ ނުކުރުމަކީ މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ބީއެމްއެލް އިން ކޮންމެ ފަހަރަކު ވެސް އަޕްގްރޭޑިން މަސައްކަތް ކުރާކަމުގެ ނޯޓިސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއެވެ. ނަމަވެސް ހިދުމަތްތައް އަލުން ދިނުމުގައި ލަސްވި ނަމަވެސް ކަސްޓަމަރުން "ހަޅޭއް" ނުލަވަނީސް އެކަމުގެ މައުލޫމާތު ހިއްސާ ނުކުރެއެވެ.

އިއްޔެވެސް ހިދުމަތްތައް މެދުކެނޑިފައިވާކަން ބީއެމްއެލް އިން ބުނީ ގިނަ ބައެއްގެ އެކައުންޓުތަކުގެ ބެލެންސް ސުމެއް ކަމަށް ދެއްކުމުން ސޯޝަލް މީޑިއާގައި ފާޑު ކިޔަން ފެށުމުންނެވެ. ރައްޔިތުންގެ ބޭންކުން ރައްޔިތުންނަށް ހިދުމަތާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކުރަންވީ މިހެންތޯއެވެ.

އެކައުންޓުގައި ހުރި ލާރިކޮޅަށް ވީނުވީއެއް ނޭނގި އެތައް ބަޔަކު ވަނީ ކަންބޮޑުވެފައެވެ. އަދި ރެސްޓޯރެންޓުތަކާއި ފިހާރަތަކުގައި ފައިސާ ނުދެއްކިފައި އެތައް ބަޔަކު ތިބެން ޖެހުނެވެ. ބޭންކުގެ ހިދުމަތްތައް މެދުކެނޑުމުން އެހެނިހެން ގިނަ ހިދުމަތްތައް ވެސް މެދުކެނޑުނެވެ. މީގެ ސަބަބުން ބޭންކާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އާއްމުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އިއްޔެ ވަނީ ގިނަ ގެއްލުންތަކެއް ވެފައެވެ. ވިޔަފާރުވެރިޔަކު ބުނިގޮތުގައި އޭނާއަށް ލިބުނު ގެއްލުމުގެ ޒިންމާ ބޭންކުން ނަގަން ޖެހެއެވެ. އެއީ ބޭންކުން އެންގުމެއްނެތި ހިދުމަތް މެދުކަނޑާލާފައިވާތީ ކަމަށް އޭނާ ބުންޏެވެ.

"އިއުލާން ކުރީ ފަތިސް ވަންދެކައޭ މެދުކެނޑޭނީ އެކަމަކު މިއަދު އެއްކޮށްހެން މިދިޔައީ ގިނަ ފަހަރު ކާޑުން ނުކެނޑި. ކޯވިޑާ ހެދި ގިނަ މީހުން މިހާރު ނަގުދު ފައިސާ ނުގެންގުޅޭ. ދެން ކިހިނެތް ވިޔަފާރި ކުރާނީ. ބޭންކުން ޖަވާބުދާރީވާން ޖެހޭ މިކަމުގަ،"

އެ ވިޔަފާރިވެރިޔާ ބުންޏެވެ.

ބައެއް މީހުން ވަނީ ބޭންކުން ހަފުތާއެއްގެ ތެރޭގައި އެތައް ފަހަރަކު އަޕްގްރޭޑިން މަސައްކަތަށް ހިދުމަތްތައް މެދުކަނޑާލުމުން އެ ކުރާ ކަމަކާ މެދުވެސް ސުވާލު އުފައްދާފައެވެ. މިގޮތަށް ސުވާލު އުފެދެނީ ބޭންކަށް އެންމެ ބާރު ބޮޑު ދުވަހު (އާދީއްތަ) ދުވަހުގެ ބޭންކު ގަޑީގައި މި ހިދުމަތްތައް މެދުކަނޑާލުމުން ކަމަށް ގިނަބަޔަކު ބުނެއެވެ.

"އަނެއްކާ އަޕްގްރޭޑިންގެ މަސައްކަތެއްބާ ކުރަނީ. މިފަދަ ދުވަހެއްގަ ހާދަ ހިޔެއް ނުވޭ އެކަމަކު އަޕްގްރޭޑިން މަސައްކަތް ކުރާނެ ހެން. އެހެން ކޮންމެ ވެސް ކަމެއް އުޅޭހެން ހީވޭ. ބޭންކުން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ވެގެން އުޅޭގޮތެއް،"

އާއްމުންގެ މީހަކު ބުންޏެވެ.

ބައެއް މީހުން ވަނީ ބޭންކަށް ސައިބަ އެޓޭކުތައް އަންނާތީ ހިދުމަތްތައް މެދުކެނޑުނީ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް މިހާތަނަށް ބޭންކުގެ ހިދުމަތްތައް މެދުކެނޑުނު ސީދާ ސަބަބެއް އެ ބޭންކުން ހާމަކޮށްފައި ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ މުހިންމު އަޕްޑޭޓެއްގައި ދިމާވި މައްސަލައަކާ ގުޅިގެން ހިދުމަތް މެދުކެނޑުނީ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި