ޙަސަން ފަހީމް ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފި އެވެ.

މީޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށާއި އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭކަމަށެވެ.

Ad
rt

"އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވޭ"

ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަމިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު މިއަދު 09:55 ހާއިރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވަނީ މިއަދު 11:33 ގަ އެވެ. އެއަށް ފަހު މިކަމާއި ގުޅިގެން 2:26 ގައި ފުލުހުން ބުނެފައިވަނީ މިމައްސަލަ އަކީ މާލޭގައި މީހަކު ރަހީނުކޮށް އަނިޔާކޮށް އަދި ފައިސާ އާއި ފޯނު ފޭރިފައިވާކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯރގަނައިޒް ކްރައިމް ޑިޕާޓްމަންޓްއިން ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަޙްގީގު ކުރަމުން އަންނަ ކަމަށެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްއެންޑީއެފްއިން ވަނީ ނޫސް ބަޔާނެއްވެސް ނެރެފަ އެވެ.

މިނޫސްބަޔާނުގައި ބުނެފައިވަނީ ރޭގެ އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާކަމަށެވެ.

"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަ ފަރާތްތަކުން ކުރަމުންދާ ޢަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ ޢަމަލުތަކެއް ނޫންކަން ފާހަގަ ކުރަން"

އެނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ސްޓާފް ސާޖަންޓް ޙަސަން ފަހީމްއަށް ލިބިފައިވާ ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ އިރު، އޭނާގެ ހާލަތު ލީޑަރޝިޕުން ވަރަށް ގާތުން ބަލަމުން ދާކަމަށް ބުނެފައިވެއެވެ.

ޙަސަން ފަހީމް އަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކެއް ވަނީ މިހޫނަށް ލިބިފައެވެ. އޭނާގެ ގައިން ފެންނަށް ހުރި ޒަހަމްތަކަށް ބަލާއިރު މުޅިގައިގައި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެނެއެވެ. ސިގިރޭޓްފަދަ އެއްޗަކުން ގައިގައި ޖައްސާ ފިއްސާލާފައިވާއިރު ތޫނު އެއްޗަކުން މޫނުމައްޗަށްވެސް ވަނީ އަނިޔާ ކޮށްފަ އެވެ. މޫނުމަތިވެސް ވަރަށް ބޮޑަ ވަނީ ދުޅަވެފަ އެވެ.