ށ. މިލަންދޫ ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކައުންސިލުން ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

ރޭގައި ބޭއްވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އަހްމަދު ސަލީމެވެ.

Ad
rt

"ތިލަދުން"އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ހަނިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެހީތެރިވުން ކަމަށެވެ.

އެގޮތުން މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށެވެ. ހުރިހާ އުމުރު ފުރައަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމަކީ އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ހަނިއްޔާ ވިދާޅުވިއެވެ.

އެކޮމިޓީއިން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 23 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

މީގެއިތުރުން މި ޕްރޮގްރާމްގައި ވަނީ އެންމެ ބޮޑަށް ބަރުދަން ލުއި ކުރެވުނު 5 ފަރާތެއް ފާހަގަ ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ބަރުދަން ލުއި ކުރެވުނު ފަރާތުން 6 ކިލޯއާއި ގާތް ކުރާ އަދަދަކަށް ބަރުދަން ލުއި ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ޕްރޮގްރާމް ކާމިޔާބު ކަމާއިއެކީ ނިންމާލުމަށް މިލަންދޫ ފުލުހުންނާއި ކައުންސިލުންގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ވަނީ އެކޮމިޓީގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.