ވައި ނުސާފުވެ، ޖައްވު ތަޣައްޔަރުވުމުން ނިއު ދިއްލީގެ ސްކޫލުތަކާއި އޮފީސްތައް ހަފްތާއަކަށް ބަންދުކޮށްފިއެވެ.

އިންޑިއާގެ ސިޓީތަކުގެ ތެރެއިން އެންމެ ބޮޑަށް ވައި ނުސާފުވެ ޖައްވު ތަޣައްޔަރުވާ ސިޓީކަމަށްވާ ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފައިވަނީ ދަނޑުވެރިކަން ކުރާ ކޯލް ފަޔާ ޕަވާ ޕްލާންޓްސްތަކާއި ކުނި ގޮނޑުތައް އެންދުމުން ބޭރުވާ ދުމުގެ ސަބަބުންކަމަށް އެގައުމުގެ ފެޑެރަލް އެންވާރަމަންޓް މިނިސްޓްރީގެ އެއާ ޕޮލިއުޝަން ޕެނަލުން ވަނީ ހާމަކޮށްފައެވެ.

Ad
rt

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ނޮވެމްބަރު މަހުގެ ތެރޭގައި ޖައްވަށް ބޭރުވަމުން އަންނަ ނުސާފު ވައިގެ ސަބަބުން ގިނަ އަދަދަކަށް މީހުންނާއި ކުޑަ ކުދިން ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުން އަންނަކަމަށް ބުނެފަވެއެވެ. އަދި މިކަމާއި ގުޅިގެން މިވަގުތަށް ނިއު ދިއްލީގެ އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކުރެވިފައެވެ. ގިނަ އޮފީސްތަކުގައި ގެއިން މަސައްކަތްކުރެވޭ ގޮތަށް އަމަލް ކުރަން ނިންމާފައިވާކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އިމާރާތްކުރަމުން އަންނަ ތަން ތަނުގެ މަސައްކަތްތައްވެސް ވަގުތީ ގޮތުން ނިއު ދިއްލީ އާއި އެ ސީޓީގެ ކައިރީގައި ހުރި ސިޓީތަކުގައި ހުއްޓާލާފައިވާކަމަށް ބުނެފައިވެއެވެ.

ޖައްވު ނުސާފުވެ އެއާ ކޮލެޓީ އިންޑެކްސް ބުނާ ގޮތުންނަމަ ނިއު ދިއްލީގެ ނުސާފު ވައިގެ ރޭންކު ހުރީ 500 އަކުން 499 ގައެވެ. މީގެ ސަބަބުން ޞިއްޙަތު ސަލާމަތުން ތިބޭ މީހުންނަށްވެސް ފުއްޕާމޭގެ ބަލިތައް ޖެހުމިގެ ފުރުސަތު ބޮޑުވާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ނިއު ދިއްލީ ޖައްވު ނުސާފުވެފައިވާތީ ސުޕްރީމް ކޯޓުން ވަނީ އެގައުމުގެ ކޮމިޝަން ފޯ އެއާ ކޮލެޓީއަށް ވަނީ މިކަމަށް އެދެވޭ ހައްލެއް ހޯދުމަށް އަމުރުކޮށްފައެވެ. ކޮންމެ އަހަރެއްގެވެސް ފިނި މޫސުމުގައި މިގޮތައް ޖައްވު ނުސާފުވެ ނިއު ދިއްލީގައި ދިރިއުޅޭ 20 މިލިއަން މީހުންނަށް އެކި ވަރުގެ ދަތިތަކާއި ކުރިމަރިވާކަންވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިންވެސް މިގޮތަށް ވައި ނުސާފުވެ ޖައްވު ތަޣައްޔަރުވުމުން އެސިޓީގެ ސުކޫލްތަކާއި އޮފީސްތައްވަނީ ބަންދުކޮށްފަ އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން އުޅެމުން އަންނަ އިންޑިޔާއަކީ ވައިގެ ތަގައްޔަރުކަން އެންމެ ބޮޑު ސިޓީތައް ހިމެނޭ ގައުމެވެ. ކޯވިޑް19 އާއި ގުޅިގެން އިންޑިޔާ އެކީ ލޮކްޑައުން ކުރުމާއި ގުޅިގެން އެގައުމުގެ އެއަރ ޕޮލިއުޝަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މާޗް މަހުގެ 24 ވަނަ ދުވަހު އިންޑިޔާ އެކީ ލޮކްޑައުންއަށް ދިޔަ އިރު އެއަރ ކުއަލިޓީ އިންޑެކްސް ހުރީ 115 ގައެވެ. އޭގެ ތިންދުވަސް ފަހުން އެއަދަދުވަނީ 75 ދަށްވެފައެވެ. އިންޑިޔާގެ ސެންޓްރަލް ޕޮލިއުޝަން ބޯޑުން ބުނެފައިވަނީ މުޅި އިންޑިޔާ ލޮކްޑައުން ކުރުމާއިއެކު ވައިގެ ނުސާފުކަން ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލާ ޕޮލިއުޝަން މިންގަނޑަށްވުރެ އިންޑިޔާ އުޅެނީ 5 ދަރަޖަ މަތީގައެވެ.