އަވަށްޓެރި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

އިންޑިއާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އައު ސަފީރު ހިޒް އެކްސަލަންސީ މުނު މަހާވަރް ވަނީ އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އިންޑިއާ އާއި ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެއިތުރުން އިންޑިއާގެ ރައީސާއި ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވާ ކަމަށް ވިދާޅުވެ، އަދި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ވަނީ ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވައެވެ.