އެމެރިކާ ފަހަތަށްޖައްސައި ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގެ 1 ވަނަ އަށް އަނެއްކާވެސް ޗައިނާ އަރައިފިއެވެ.
މެކިންސީ އެންޑް ކޯ އިން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގެ 60 އިންސައްތަ އުފެއްދުންތެރިކަން ހިއްސާކުރާ 10 ގައުމުގެ ލިސްޓުން އެމެރިކާ ފަހަތަށްޖައްސައި ޗައިނާ އަނެއްކާވެސް ވަނީ ކުރި ހޯދާފައެވެ.
ދުނިޔޭގެ މާލިއްޔަތު ފާއިތުވި ދެ ގަރުނުގައި ވެސް 3 ގުނަ އިތުރުވެފައިވާއިރު، މާލިއްޔަތަށް ލިބުނު ފައިދާ 2000 ވަނަ އަހަރު 156 ޓްރިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، މި އަދަދު 2020 ވަނަ އަހަރު ވަނީ 514 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެެ. މީގެ ތެރެއިންވެސް ޗައިނާއިން ހިއްސާކުރަނީ މާލިއްޔާގެ 3 ބައި ކުޅަ އެއްބައި ކަމަށް ރިޕޯޓުން ދައްކައެވެ.
ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާގެ މާލިއްޔާއަށް ލިބިފައިވާ ކުރި އެރުމަށް ބަލާއިރު، އެގައުމުގެ މާލިއްޔަތު 2000 ވަނަ އަހަރު 7 ޓްރިލިއަންއިން 2020 ވަނަ އަހަރު ވަނީ 120 ޓްރިލިއަން އަށް އަރާފައެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި އެގައުމުގެ މާލިއްޔަތަށް ލިބުނު ފައިދާ ވަނީ 113 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
އެމެރިކާ ލިސްޓުގެ ދެވަނައިގައި އޮތް އިރު އެގައުމުގެ މާލިއްޔަތަށް ލިބުނު ފައިދާ ދެގުނަ އިތުރުވެ 90 ޓްރިލިއަން އެމެރިކާ ޑޮލަރުވަނީ އިތުރުވެފައެވެ.
ޗައިނާ އަދި އެމެރިކާގެ މާލިއްޔަތުގެ ބޮޑު ބައެއް ހިއްސާކުރަނީ އެގައުމުތަކުގެ މުއްސަނދި 10 އާއިލާއަކުން ކަމަށް މެކްކިންސީ އެން ކޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މާލިއްޔަތަށް ފައިދާވެފައިވަނީ އެ އާއިލާތަކުގެ މާލިއްޔަތަށް ލިބުނު ކުރިއެރުންތަކާއި އެކު ކަންވެސް ފާހަގަކޮށްފައިވެއެވެ.
3 ވަނައިގައި ޖަރުމަނު އަދި 4 ވަނައިގައި ފްރާންސް އޮތީ އެއްހަމައެއްގައެވެ. 5 ވަނައިގައި އިންގިރޭސިވިލާތް އަދި 6 ވަނައިގައި އޮތް ކެނެޑާއާއި 7 ވަނައިގައި އޮތް އޮސްޓްރޭލިއާވެސް އޮތީ އެއްހަމައެއްގައެވެ. 8 ވަނައިގައި ޖަޕާން 9 ވަނައިގައި މެކްސިކޯ އަދި 10 ވަނައިގައި އޮތް ސްވިޑެން ވެސް އޮތީ އެއްހަމައެއްގައެވެ.;
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!