ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކުރިން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ކުރިން ހުޅުވާލާފައިވީނަމަވެސް މިހާރު މި މުއްދަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ 16:00 އާ ހަމައަށް އިތުރުކޮށްފައެވެ.
މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، ފުރަތަމަ ޝަރުޠަކީ، ސާނަވީ ތަޢުލީމުގެ ޖީ.ސީ.އީ އޯ ލެވެލް އިމްތިޚާނު އަދި އެސް.އެސް.ސީ އިމްތިޙާނު ހިމެނޭހެން 03 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ އެސް.އެސް.ސީ އިމްތިޙާނު ހިމެނޭހެން 02 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތަކަށްވުން، ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މި ޝަރުތުހަމަވާ ފިރިހެނެއްނަމަ އިސްކޮޅުގައި، 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓު ހަމަވާން ޖެހެއެވެ.
ދެވަނަ ޝަރުޠަކީ ޖީ.ސީ.އީ އޯލެވެލް އިމްތިޚާނުގެ 4 މާއްދާއިން ދަށްވެގެން “ސީ” ފާސް ހާޞިލްކޮށްފައިވުން ނުވަތަ އެޗް.އެސް.ސީ އިމްތިޚާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ 2 މާއްދާއިން ދަށްވެގެން “ސީ” ފާސް ހާޞިލްކޮށްފައިވާ ފަރާތެއްކަމުގައިވުމެވެ. މި ޝަރުތުހަމަވާ ފިރިހެންނަމަ އިސްކޮޅުަގއި 5 ފޫޓް 1 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި 4 ފޫޓް 8 އިންޗި ހަމަވާންޖެހއެވެ.
ތިންވަނަ ޝަރުޠެއް ގޮތުގައި ކަނޑައަޅާފައި ވަނީ ސާނަވީ ތައުލީމު ފުރިހަމަކުރުމާއިއެކު، މިޚިދުމަތަށް އަލަށް މީހުން ރެކްރޫޓްކުރުމުގައި ބަލާ ފިޒިކަލް އެސެސްމަންޓުން ފާސްވުމަށް ކަނޑައެޅިފައިވާ މިންގަނޑުން “ސިލްވަރ” ލެވެލްގައި ފާސްވާ ފަރާތްތަކުގެ ތެރެއިން ފިރިހެން އިސްކޮޅުގައި 5 ފޫޓް 8 އިންޗި އަދި އަންހެން އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައިވުމެވެ.
މީގެއިތުރުން ފުލުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކަކީ، މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު” ގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވާން ޖެހެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުންވާ ސަރަހައްދުތަކާއި، ފުލުހުންގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި، ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމާއި، މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.
މިވަޒީފާގައި ލިބޭ މުސާރައާއި އިނާޔަތްތަކަަށް ބަލާއިރު، ޕޮލިސް ކޮންސްޓަބަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ ލިބެއެވެ. މީގެއިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސެންޓާއި، ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. އަދި ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.
މީގެއިތުރުން ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ ދިހަ އިންސައްތަ)، (ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ ފަނަރަ އިންސައްތަ)، (މާސްޓަރސް – އަސާސީ މުސާރައިގެ ވިހި އިންސައްތަ) އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބެއެވެ.
ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާނީ 2021 ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:00ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ނުވަތަ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!