215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ރ. މަޑުއްވަރިއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އެރަށު ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި އެރަށު ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.
މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި، ރ. އަތޮޅު ޕޮލިހާއި، ފޮރިންސިކް ފުލުހުންނާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންނެވެ.
އޭގެފަހުން އެމީހުން ހައްޔަރުގައި ތިބިިއިރު, ބަންދު މުއްދަތު އިތުރު ކުރުމަށް ދެ މީހުން ވެސް ވަނީ އިއްޔެ ކޯޓަށް ހާޒިރުކޮށްފަ އެވެ. މިގޮތުން ކްރިމިނަލް ކޯޓުން ވަނީ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތައް އޮތް ކަމަށް ކަނޑައަޅައި, ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
ފުލުހުން ވަނީ މިދިޔަ އޮކްތޯބަރު މަހުގެ 13 ވަނަ ދުވަހު 100 ކިލޯގެ މަސްތުވާ ތަކެތިވެސް އަތުލައިގެންފައެވެ. މިތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި މައްސަލާގައި ވަނީ 8 މީހަކު ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!