ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ.
މިގޮތުން ފޮރިން ސަރވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެމަތިން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.
ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެ ކަމަށް މި ޤާނޫނުގައި ބުނެފައިވާއިރު، އަދި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސާވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސާވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސާވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންކަމުގައި މި ޤާނޫނުގައި ވެއެވެ.
ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސާވިސް އެކުލަވާލަންވާނެކަމަށާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބެހިގެންވަނީ އެގްޒެކެޓިވް ސަރވިސް ސްޓާފުން؛ އަދި ޖެނެރަލް ސަރވިސް ސްޓާފުންގެ މަޤާމުތަކުގެ މައްޗަށްކަމުގައި ޤާނޫނުގައި ވެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!