ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މިނޮވެމްބަރު 10 ވަނަ ދުވަހުއެވެ.

Ad
rt

ފުލުހުން ބުނީ މިމަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 55 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ހާމަ ކުރެއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ފަސް މީހުން ވަނީ ދޫކޮށްލާފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންކަމަަށް ފުލުހުން ބުނެއެވެ.