ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފަ އޮތުމުން ޒުވާނުންގެ ކަންބޮޑުވުން ފާޅުކުރުމަށް އިޙްތިޖާޖު ކުރުމަށް ނިންމައިފި އެވެ.
އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ މިއީ އެރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ އިޙްތިޖާޖެއްކަމަށެވެ. ދަނޑު ސަރަހައްދުގައި އިޙްތިޖާޖު ކުރުމަށް ނިންމާފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.
އެޒުވާނުންގެ ކަންބޮޑުވުމަކީ 50 ދުވަސް ތެރޭގަ ނިންމަން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހަވާލު ކުރި ސަބްބޭސްގެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އަހަރެއް ހާ ދުވަސް ވުމެވެ. އާރުޑީސީއާއި މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. ކޯވިޑްގެ ސަބަބުން ނުފެށި ލަސްވުމަށްފަހު އަލުން ފެށިފައިވަނީ މިދިޔަ އަހަރުގެ ފަހު ކޮޅުއެވެ.
މިހާރުވެސް މިމަސައްކަތް ހުއްޓިފަ އޮއްނަތާ 3 މަސް ދުވަހާ ގާތް ވެފައިވާކަމަށާއި ދަނޑަށް އަޅާނެ ވެލި ނުލިބޭތީ މިހާރު އާރުޑީސީއިން ވިސްނަނީ އަލުން ކާނު ތައް ނަގައިގެން ދަނޑު ތިރި ކުރަން ކަމަށް އެޒުވާނާ ފާހަގަ ކުރިއެވެ. އެރަށު ޒުވާނުން އެގޮތެއް ބޭނުމެއް ނުވާކަމަށާއި މި އިޙްތިޖާޖަކީ ޒުވާނުންގެ ކަންބޮޑުވުންތައް އާންމު ކުރަން ބާއްވާ އިހުތިޖާޖެއްކަމަށް ބުނެފައި ވެއެވެ.
”އޭގެ ފަހުން އަހަރެއް ވާން ދާއިރު އަދިވެސް ސަބް ބޭސްގެ މަސައްކަތް ނުނިމޭ. މިއީ 50 ދުވަސް ތެެރޭ ނިންމަން ހަވާލު ކުރި މަސައްކަތެއް. ދަނޑުގެ ސާވޭ ކުރި މީހުންގެ އިހުމާލުވެސް މިކަން ލަސްވުމުގަ ހިމެނޭ. ސަބްބޭސް ނުނިމި ލަސްވުމުގެ ސަބަބުން ދަނޑުގެ ކޮލިޓީ ގެއްލުމަކީވެސް ވެދާނެކަމެއް”
މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އެރަށު ޒުވާނަކު މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ވެއެވެ.
މި ދަނޑުގައި ޓާފް އަޅަން ޖޫން 2 ވަނަ ދުވަހު ބަޔަކާއި ހަވާލުކޮށް އެ ކުންފުނިން ޓާފް އަދި ބޭނުންވާ އެހެން ސާމާނުވެސް ރަށަށް ގެންގޮސްފައިވާއިރު ސަބްބޭސް ނިމޭނެދުވަހެއް އަދިވެސް ސާފުނުވާކަމަށް ވެއެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޫސާ އަލި މަނިކު (މޫކޭ) އަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. މަޑުއްވަރީ ދާއިރާގެ މަޖިލީސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި ފަރާތެކެވެ. އެރަށު ޒުވާނުން އަންނަނީ މޫކޭ އާއި އެ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޓެގްކުރައްވާ ނުރުހުން ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!