ހދ. ކުރިނބި ކައުންސިލްއާއި ކުރިނބި "ޔޫތް މޫވްމަންޓް" ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެރަށުގެ ދަނޑުވެރިން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްފިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ.
ނޮވެމްބަރ މަހުގެ 4 އިން 6 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔާވާދެެއްވާފައިވަނީ ޕްރައިމް ފަރޓިލައިޒަރގެ ޓްރެއިނަރ މުޙައްމަދު ޒާހިރެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ޔޫތް މޫވްމަންޓްގެ ރައީސް އާދަމް ޝަޒީން ވިދާޅުވީ 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 45 ބޭފުޅުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮގްރާމް ގައި ބައިވެރިންނަށް މައުލޫމާތު ދިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ގަސް އިންދާ ހައްދާނެ ގޮތް
- ދަނޑުވެރިކަން ކުރާނެ ގޮތް
- ފެނުގައި ގަސް އިންދުން
- ގަހަށް ޖެހޭ ބަލިތަކާއި ހައްލު
- ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރާނެ ގޮތް
- ޒަމާނީ ދަނޑުވެރިކަން ކުރާނެ ގޮތް
ކުރިނބީގައި ކުރިއަށް ގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ކުރިނބީ ޔޫތު މޫވްމަންޓް
މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަގްސަދެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަ ކުރައްވަފައިވަނީ ދަނޑުވެރިކަން ކުރަން ޖެހޭ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމާއި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމެވެ.
އެގޮތުން ކާމިޔާބު ކަމާއިއެކު މި ހަރަކާތް ނިންމާލުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް، ހާއްސަ ކޮށް ކުރިނބީ ސްކޫލަށް އެ ޖަމްއިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
"ޔޫތް މޫވްމަންޓް" ޖަމްޢިއްޔާ އަކީ ރަށުގެ ކުރިއެރުމަށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދާ ޖަމްޢިއްޔާ އަކަށް ވާއިރު ވަރަށް އަވަސް މުސްތަގްބަލެއްގައި ދީނީ ގޮތުން ހެލުންތެރި ކުރުވުުގެ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!