ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންނާއި، ކޯވިޑް ވައިސްރައިން ރައްކާތެރިވުމަށް މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި އެމެރިކާގެ ޑޮކެޓަރެއްކަމަށްވާ ޑރ. ކްރިސްޓޮފާ ފޮލޭ ކޯވިޑް ބަލީގައި މަރުވެއްޖެއެވެ.

އެމެރިކާގެ މެނިސޯޓާގެ ޑޮކްޓަރު ޑރ. ފޮލޭ ވަނީ ކޮރޯނާ ވައިރަސްއިން ދިފާއުމަށް ބޭނުންކުރާ ވެކްސިންނާއި ދެކޮޅަށް ވާހަކަ ދައްކައި، މީހުންގެ ހިތުގައި ވަހުމް އުފެދޭފަދަ ވާހަކަތައް ފަތުރާފައެވެ. މިގޮތުން އެ ވެކްސިން އަކީ އިންސާނުން ގަޔަށް ޖަހައިގެން ވެކްސިން އުފައްދާ މީހުން އެކްސްޕެރިމެންޓް ނުވަތަ ވެކްސިންގެ ދިރާސާތައް ކުރުމަށް ބޭނުންކުރާ އެއްޗެއްކަމަށް ފޮލޭ ވަނީ ބުނެފައެވެ.

Ad
rt

މީގެ އިތުރުން ގިނަ ދުވަސްތަކަކަށް ކޮވިޑުން ރަައްކާތެރިވުމަށް މާސްކް އަޅާ ނަމަ، އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އެތަކެއް ގެއްލުންތަކެއް ވާކަމަށްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކި ޕޯސްޓްތަކުގައި ލިޔެފައެވެ.

ފޮލޭ މަރުވެފައިވަނީ ކުއްލިއަކަށް ބަލިވެގެންކަމަށް ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާއިރު، ފޮލޭގެ ފިރިހެން ދަރިފުޅު ލޯގާން ފޮލޭ ވަނީ އޭނާގެ ބައްޕަ މަރުވެފައިވަނީ ކޯވިޑް 19 ޖެހިގެން ފަރުވާ ދެމުންދަނިކޮށްކަމަށް ކަށަވަރުކޮށްދީފައެވެ. ބައްޕަ ވެކްސިން ޖަހާފައިވެސް ނުވާކަމަށް ލޯގާން ވަނީ މީޑިއާތަކުގައި ބުނެފައެވެ.

22 އަހަރު އިންޓާންއެއްގެ ގޮތުގައިއާއި ފިޒީޝަނެއްގެ ގޮތުގައި ފޮލޭ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހުން އޭނާ މަސައްކަތްކޮށްފައި ވަނީ ހޯމިއޯޕަތީ ޑޮކްޓަރެއްގެ ގޮތުގައެވެ.

2020 ވަނަ އަހަރުގެ މާޗްމަހު އޭނާ ވަނީ އޭނާގެ މެނިސޯޓާ ނެޗުރަލް މެޑިސިންގެ ވެބްސައިޓްގައި ކޯވިޑް 19 އަކީ ބައޯ ވެޕަންއެއްކަމަށް ބުނެ ކޯވިޑް 19 ވެކްސިންއާއި ދެކޮޅަށް ޕޯސްޓްތައްކޮށްފަައެވެ. އަދި ކޮވިޑުން ދިފާއުވުމަށް ޑޮކްޓަރީ ބޭހަށް ވުރެ ހޯމިއޯޕަތީގެ ބޭސް ފަރުވާ މާ ރަގަޅުވާނެކަމަށް ބުނެފައިވެއެވެ.