ވިޔަފާރި ތަރައްގީ ކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މެލޭޝިޔާގެ ނޯތު ޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި ނޯތު ޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޕޯޓުގެ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދު ޔުސޯފްއެވެ.
އެމްޕީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ނޯތުޕޯޓުން، ޕޯޓް މެނޭޖްމަންޓާއި ކޮންޓެއިނާ ހޭންޑްލިން އާއި ކޮންވެންޝަނަލް ކާގޯ ހިދުމަތާއި ޕޯޓް އޮޕަރޭޝަނތަކާ ގުޅުންހުރި ދާއިރާތަކުން އިންޑަސްޓްރީ އަދި ވިޔަފާރީގެ ތަޖުރިބާ އާއި ގާބިލުކަމުގެ އިތުރުން އިލްމާއި އެކި ވަސީލަތްތައް ހިއްސާ ކުރާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ޖޮއިންޓް ބިޒްނަސް ޑިވެލޮޕްމަންޓާއި ތަމްރީން ކުރުމާއި އިކުއިޕްމަންޓް މެއިންޓެއިން ކުރުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެއެވެ.
އެމްޕީއެލުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޖަމިއްޔާތަކުގެ މެދުގައި ހިއްސާވާ ވަސީލަތްތަކާއި މައުލޫމާތުގެ ސަބަބުން ބަނދަރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ އާ ދާއިރާތައް ހުޅުވިގެންދާނެއެވެ.
ނޯތު ޕޯޓުން ބުނި ގޮތުގައި ތަޖުރިބާ ހިއްސާކުރުމުގެ އިތުރުންވެސް ދެ ޕޯޓު ގުޅިގެން މަސައްކަތް ކުރަން އިިތުރު ފުރުސަތުތައް އެބަހުރި ކަމަށެވެ. އެގޮތުން ދެ ޕޯޓުގައިވެސް ކާގޯ ވޮލިއުމް އިތުރުކުރުމުގެ ފުރުސަތުތައް ވެސް ހުރި ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!