ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ތަމްރީންވެ ބާސާގެ ސީނިއާ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެންކުޅެ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދި ބާސާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ރަސްމީކޮސް ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވެއްޖެއެވެ.
ޒަވީ ބާސާގެ ކޯޗުކަމާއި ހަވާލުވެ ރަސްމީކޮށް ކޮންޓްރެކްޓްގައި ހޯމަ ދުވަހު ސޮއި ކޮށްފައިވާއިރު، ބާސާއިން އޭނާއަށް ދީފައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. ވުމާއެކު 2024 ވަނަ އަހަރުގެ ސީޒަން ނިމެންދެން ޒަވީ ބާސާއަށް އިރުޝާދުދޭނެއެވެ.
ޒަވީއަކީ ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. އޭނާ ވަނީ ބާސާގެ ސީނިއާ ޓީމަށް 779 މެޗު ކުޅެދީ 25 ތަށި ކާމިޔާބު ކޮށްފައެވެ. ޒަވީ ބާސާ ދޫކޮށްލާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ އަހަރު ބާސާ ދޫކޮށް އޭނާ ބަދަލުވެފައި ވަނީ ގަތަރުގެ އަލް ސާދުއަށެވެ. އެ ޓީމަށް ހަތަރު އަހަރު ކުޅުމަށް ފަހު އެ ޓީމްގެ ކޯޗުކަމާއި އޭނާ ހަވާލުވެފައި ވަނީ 2019 ވަނަ އަހަރުއެވެ. އަލް ސާދުގެ ކޯޗުކަމާއި ހަވާލުވެ އޭނާވަނީ އެ ޓީމަށް ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދައި ދީފައެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހު ބާސެލޯނާގެ ފޯމު ދައްވެ ހޯދަމުންއައި ދަށް ނަތީޖާތަކާއި ގުޅިގެނ އެ މުއްދަތުގައި ބާސާއިން ވަނީ އެ ޓީމްގެ ކޯޗަކަށް ޒަވީ ގެނައުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ދެފަހަރު ވެސް ޒަވީ ވަނީ ބައެއް އަމިއްލަ ސަބަބުތަކާއިހުރެ އެކަމާއި އެއްބަސް ނުވެފައެވެ.
ބާސާގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވެ ޒަވީ ބުނެފައިވަނީ ބާސެލޯނާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ކުލަބު ކަމަށާއި، މި ކުލަބު ކުރިން އޮތް ހިސާބަށް ގެންދިޔުމަކީ ރިސްކު ބޮޑު މަސައްކަތެއް ކަމަށެވެ. މި މަސައްކަތަށް އޭނާ އެންމެ ބޮޑު ޝަޢުޤެއް އޮތް ސަބަބަކީ ވެސް ރިސްކު ބޮޑުވުން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
މީގެކުރިން ސަޕޯޓަރުންގެ ކުރިމަތީގައި ކޯޗުން ތަޢާރަފް ކުރުމަކީ ބާސާއިން ކޮށް އުޅޭކަމެއް ނޫނެވެ. ނަމަވެސް ހޯމަ ދުވަހު ޒަވީ ތަޢާރަފް ކުރުމަށް ބޭއްވި އިވެންޓަސް ބާސާގެ ދަނޑަށް ވަނީ ދިހަހާހެއްހާ ސަޕޯޓަރުން ވައްދާފައެވެ. މިއީ ބާސާއިން ޒަވީއަށް ދީފައިވާ ހާއްސަ ކަމެކެވެ.
މި ސީޒަންގައި ބާކީ އޮތްބައިގައި ކޯޗެއްގެ ގޮތުގައި ޒަވީ ބާސާއަށް އިރުޝާދު ދޭނެއެވެ. މިގޮތުން ބާސާއިން ޒަވީގެ އިރުޝާދުގެ ދަށުން ފުރަތަމަ ކުޅޭ މެޗު އޮންނާނީ މި މަހުގެ 20 ވަނ ދުވަހުއެވެ. އެ މެ ޗުގައި ބާސާ ނުކުންނާނީ އެސްޕަނިޔޯލާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!