މިދުވަސްވަރު މީސް މީޑިޔާގައި އެންމެ ގިނައިން ދައުރު ވަމުން އަންނަ ދޮންކޭލަކީ ކޮބައިތޯ އަހައިފިއްޔާ ބުނާނީ ނޫކުލައިގެ ދޮން ކޭލެއްގެ ވާހަކަ އެވެ. ބްލޫ ޖާވާ ބަނާނާ ނުވަތަ ބުލޫ ބަނާނާ އަށް ގިނަ ބަޔެއްގެ ސަމާލުކަންމިވަނީ ހުއްޓިފަ އެވެ.

ނަމަވެސް މިއީ ކިހާ ވަރެއްގެ ހަޤީގަތެއް ބާއެވެ؟

Ad
rt

އިންޓަރނެޓްގައި ދައުރުވަމުން އަންނަ ފޮޓޯތަކުގައި ނޫ ކުލައިގައި ހުރި ދޮންކެޔޮވައްތަކެއް ފެންނަން ހުރި ނަމަވެސް މިއީ ހަދާފައިވާ ފޮޓޯތަކެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން އިންޓަނެޓްގައި ދޮގު އަދި ތެދު މަޢުލޫމާތުތައް ހާމަކުރާ ފަރާތްތައް އުޅޭ އިރު، މީގެ ތެރެއިން ގިނަ މީހުންވެސް ބުރަ ވަނީ މިއީ ދޮގު ވާހަކައެއްކަމަށެވެ.

ޔޫޓިއުބްގައި އުޅޭ އިންފްލުއެންސަރެއްކަމަށްވާ ވިއާޑް އެކްސްޕްލޯރާ ނުވަތަ ޖެރެޑް ރައިޑެލެކް ބުނެފައިވާ ގޮތުގައި އޭނާ އަކީ މީހުން ކާއެއްޗިއްސާއި އެހެނިހެން ތަކެއްޗާއި ބެހޭ ތެދު މަޢުލޫމާތު އާންމުންނާއި ހަމައަށް ޔޫޓިއުބް މެދުވެރިކޮށް ހޮބީ އެއްގެ ގޮތުގައި ގެނެސްދޭ މީހެކެވެ. ބްލޫ ބަނާނާއާއި ބެހޭ ގޮތުން އޭނާ ޔޫޓިއުބް ގައި ވަނީ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

އެގޮތުން ބްލޫ ބަނާނާއަށް އޯޑަރުކޮށްގެން އޭނާއަށް ލިބުން ދޮންކޭލާއި ބެހޭ ގޮތުން ބުނެފައިވަނީ، އޯޑަރު ލިބުމުން ފޮށި ހުޅުވާ ބެލި އިރު، އޭގައި ހުރީ ހަމަ އާދައިގެ ދޮންކެޔޮ ވައްތަކެއްކަމަށެވެ. ނަމަވެސް ޅަކޮށް ހުރި ދޮންކެޔޮވައްތަކުގައި ވިލު ނޫކުލައެއް ހުއްޓެވެ. ނަމަވެސް އިންޓަނެޓްގައާއި އޯޑަރު ދިން ވެބްސައިޓްގައި ހުރި ފޮޓޯތަކުގައި ހުރި ގޮތާއި މުޅިން ތަފާތެވެ. ފޮޓޯތަކުގައި ހުރި ނޫ ކުލަ އޭނާއަށް ލިބުނު ދޮންކެޔޮވައްތަކުގައި ނެތެވެ.

އެހެން ކަމުން ދޮންކެޔޮ ނޫ ކުލަ އެރުވުމަށް އިފެކްޓްއެއް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއްކަމަށް އޭނާ ބުރަވެއެވެ. ސަބަބަކީ އޭނާ އަމިއްލައަށްވެސް ވަނީ ވީޑިއޯގައި މިގޮތަށް އިފެކްޓް ލައިގެން ހަދާފައެވެ.

އިންޓރނެޓްގެ ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުން ނަމަ، ގުދުރަތީ ގޮތުން މީގެ ކެޔޮ ގަސް ހެދެނީ ފިޖީ، ފިލިޕީންސް އަދި ދެކުނު އޭޝީޔާގެ ގައުމުތަކުގައިކަމަށް ބުނެފައިވެއެވެ. އާދައިގެ ދޮންކޭލާއި ހިލާފަށް މި ދޮންކެޔޮ ފިނި ތަންތަނުގައި ހެދޭކަމަށާއި މި ދޮންކޭލުގެ ރަހަ ވަރަށްވެސް ތަފާތުކަމަށް ވަނީ ބުނަފައެވެ. މަޑު ނޫ ކުލައިގެ މި ދޮންކޭލުގައި ލަނީ ވެނީލާ އައިސްކްރީމް ރަހަކަމަށްވެސް އެކި މީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް ޔޫޓިއުބް ވީޑިއޯ ހަދާފައިވާ މީހާ ބުނަނީ އެ ދޮންކޭލުގައި ވެނީލާ އައިސްކްރީމް ރަހަ ނުލާކަމަށެވެ. އަދި އާދައިގެ ދޮންކޭލެކޭ އެއް ރަހައެއް ހުރިކަމަށް ވަނީ ބުނެފައެވެ.

ބްލޫ ޖާވާ ބަނާނާގެ ނަމުން ނަންދީފައިވާ މި ދޮންކޭލަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، ނޫ ދޮންކެޔޮ ގަހާއި ބެހޭ ގޮތުން ގިނަ މަޢުލޫމާތުތަކެއްވެސް ވަނީ ފަތުރާފަ އެވެ. އެގޮތުން އާދައިގެ ދޮންކޭލާއި ހިލާފަށް މައިނަސް 7 ޑިގްރީގައި ނޫ ދޮންކެޔޮ ހެދޭއިރު، ގަހުގެ ދިގު މިނުގައި 4.5 ނުވަތަ 6 ފޫޓަށް ގަސް ހެދެއެވެ. އާދައިގެ ދޮންކެޔޮ ގަހަށް ވުރެ ގަސް ކުޑަ އެވެ. އަދި ކޮންމެ ދޮންކެޔޮ ވަކެއްގައި 7 ނުވަތަ 9 އިންޗި ހުރެއެވެ.

ގަސް ފަޅާ ހެދުމަށް 15 ނުވަތަ 24 މަހުގެ ތެރޭގައި ގަހުގައި މާ އަޅައި 115 ނުވަތަ 150 ދުވަހުގެ ތެރޭގައި ކެޔޮގަނޑު ފޯދެ އެވެ. ޅަކޮށް ދޮންކެޔޮ ހުންނަނީ ރީތި މަޑު ނޫ ކުލައެއްގައި ނަމަވެސް ދޮން ވުމުން މަޑު ރީންދޫ ކުލައެއް ކެޔޮ ވަކަށް އަރައެވެ.

މޫސުމަށް އަންނަމުންދާ ބަދަލްތަކާއި އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ނޫ ދޮންކެޔޮ ގިނަ އަދަދަކަށް ހެދެމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިއީ މޫސުމަށް އައިސްފައިވާ ބަދަލާއި އެކު ލިބުނު އެއްޗެއްކަމަށްވެސް ވެބްސައިޓްތަކުގައި ވަނީ ބުނެފައެވެ.