މި ގަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތަ މިމަހު ހިފާނެ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ހިފާ ހަނދުކޭތަ ހިފާފައި ހުންނާއި 3 ގަޑި އިރާއި 28 މިނިޓް 23 ސިކުންތުވަންދެކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ.
މިހަނދު ކޭތަ ރާއްޖެ އަކަށް ނުފެންނާނެ އެވެ. މިހަނދުކޭތަ ހިފަން ފަށާނީ 19 ވަނަ ދުވަހުގެ ހެނދު ރާއްޖެ ގަޑިން 11:02 ގައެވެ.
މި ގަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތައިގައި ހުންނާނެ ޚާއްސަކަމަކީ، ހަނދުކޭތަ ހިފާފައި ހުންނަ 3 ގަޑި އިރާއި 28 މިނިޓް ތެރޭގައި ފެންނާނެ ރީތި މަންޒަރަވެ. 19 ވަނަ ދުވަހުގެ ރޭ ކޭތަ ހިފާ ވަގުތުގައި ދުނިޔެއާއި އިރު އަދި ހަނދު އެއް ސަފަކަށް އެތުރިލާއިރު، ދުނިޔޭގެ ހިޔަނި ހަނދަށް އެޅި އެހެން ތަރިތައް ފަނޑުކޮށްލާނެއެވެ.
ބިމުގެ ފަނޑު ހިޔަނި ހަނދަށް އެޅެން ފަށައި، ފަނޑު ހިޔަނީގެ ތެރެއަށް ހަނދު ވަންނަމުންދާ ވަރަކަށް، ހަނދުގެ އަލިކަން މަޑުވަމުން ފަނޑުވަމުން ދާ ކަން ނުވަތަ ފުސްވަމުން ދާ ކަން ފާހަގަ ކުރެވޭނެއެވެ. މިކަމަށް 3 ގަޑިއިރާއި 28 މިނިޓް ހޭދަވެއެވެ. އަދި މިއީ 2021 ވަނަ އަހަރުގެ އެންމެ ފަހު ހަނދުކޭތައަށްވެސް ވެގެންދާނެއެވެ. ދެން އެންމެ އަވަހަށް ހަނދުކޭތަ އެއް ހިފާނީ އަންނަ އަހަރުގެ މޭމަހުގެ 16 ވަނަ ދުވަހު އެވެ.
19 ވަނަ ދުވަހުގެ ރޭ ހިފައި ހަނދުކޭތައަކީ ފުރިހަމަ ހަނދު ކޭތަ އެއް ނޫންކަމަށާއި، މިއީ "ބްލަޑް މޫން" އެއް ނޫންކަމަށްވެސް ނާސާއިން ވަނީ ހާމަކޮށްފައެވެ.
މިފަދަ ދިގު ހަނދުކޭތައެއް ދެން އެންމެ އަވަހަށް ހިފާނީ 2600 ވަނަ އަހަރުގެ ނޮވެމްބަރުމަހުކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!