ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީ ކުރަން ޖޭއެޗް ރިސޯޓްސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އަދި އެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުޑަމުރައިދޫގައި ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ކުއްޔަށް ދީފައި ވަނިކޮށް ސަރުކާރުން އެ އެއްބަސްވުން 2015 ވަނަ އަހަރު ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ހުށަހަޅަންޖެހޭ ފައިނޭޝަލް ޑޮކިއުމެންޓްތައް ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓާއި ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އެއްބަސްވުން ދެމި އެބައޮތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެއްބަސްވުން އޮތްގޮތުން ފައިނޭޝަލް ޑޮކިއުމެންޓްތައް ހުށަނޭޅުމުން އެއްބަސްވުން ބާތިލް ކުރެވޭނީ ދެ ފަހަރަށް ޖޫރިމަނާ ކުރުމަށް ފަހު ކަމަށެވެ.
އެކަމަކު ކުޑަމުރައިދޫގެ އެއްބަސްވުން ބާތިލް ކުރުމުގައި އެގޮތަށް ދައުލަތުން އަމަލު ކޮށްފައި ނުވާތީ އެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް، އެ އެއްބަސްވުން އިސްލާހުކޮށް، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ސަރުކާރުން ޖޭއެޗް ރިސޯޓްސްއަށް އެންގި ކަމަށެވެ. އަދި އެކަމަށް ދައުލަތުން ވެސް އިންކާރު ނުކުރާ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!