ފާއިތުވި 3 އަހަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރުމަށް ޚަރަދުގެ ގޮތުގައި 238,920 ޑޮލަރު (3،684،146.4ރ) ހޭދަވެފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް އޭނާގެ ޓްވީޓާގައި ހާމަކުރަށްވާފައިވާ ގޮތުން 2018، 2019 އަދި 2020 ވަނަ އަހަރު މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާ އަދި ރައްޓެހިން ވީއައިޕީ ލޯންޖު ބޭނުން ކުރުމުން, 238,920 ޑޮލަރު (3،684،146.4ރ) ވަނީ ހަރަދުކޮށްފައެވެ.

Ad
rt

މި މައުލޫމާތު ހޯދުމަށް އައިމަން މަޖިލިސް އިދާރާގައި އެދުމުން، އެ އިދާރާއިން ދީފައިވާ މައުލޫމާތު އޭނާ ވަނީ ޓްވީޓާގައި ހިއްސާކޮށްފައެވެ.

މިގޮތުން މަޖިލީހުން އައިމަންއަށް ފޮނުވާފައިވާ ލިޔުމުން އެނގޭގޮތުގައި ފާއިތުވި ތިން އަހަރުކުރެ 2018 ވަނަ އަހަރު ވީއައިޕީއަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު, 2019 ވަަނަ އަހަރު 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފަ ވެއެވެ. މި ދެ އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެންބަރުންގެ އާއިލާއާއި ރައްޓެހިނަށެވެ. އެ 2 އަހަރު މެންބަރުންގެ ޢާއިލާއަށާއި، ރައްޓެހިންނަށް 2.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

2020 ވަނަ އަހަރު ވީއައިޕީ ލޯންޖަށް ހަރަދުކޮށްފައިވާ ޖުމްލަ އަދަދު 4 ލައްކައިން މައްޗަށް އަރައެވެ. އެ އަހަރު މެންބަރުންގެ އާއިލާއާއި ރައްޓެހިނަށް 257،205 ރުފިޔާ ޚަރަދުކޮށްފަ ވެއެވެ.

މި މުއްދަތަށް ބަލާއިރު 2019 ވަނަ އަހަރުގެ މޭ 27 އާއި ހަމައަށް ހިނގާފައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ ދައުރެވެ. އަދި އޭގެ ފަހަތަށް ހިނގަމުން އަންނަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ދައުރެވެ.

2020 ވަނަ އަހަރު ވީއައިޕީ ލޯންޖަށް ހަރަދު ކުޑަވެފައިވާއިރު، 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ ތެރޭގައި ދުނިޔެ ސިއްސުވާލި ކޯވިޑްގެ ބިރުވެރި ރާޅާއެކު 2020 ވަނަ އަހަރު އެއްހެން އޮތީ ދުނިޔެ ބަންދުވެ، ދަތުރުފަތުރުތައް ވެސް ހުއްޓުމަކަށް އައިސްފައިކަން ފާހަަގަ ކޮށްލެވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިމަން ލަތީފް، ވޭތުވި 3 އަހަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރުމަށް ޚަރަދުގެ ގޮތުގައި ހިނގިވަރު ހޯދައި އާންމުކޮށްފައިވާއިރު އޭނާ ވަނީ މި އަހަރުގެ މޭމަހުގެ ތެރޭގައި ކުރީގެ ރައީސުންނަށް ދައުލަތުން ހިނގާ ހޭދަވެސް އާންމުކޮށްފަ އެވެ. މެއި3، 2021 ވަނަ އައިމަން އާނމު ކުރި މި މައުލޫމާތުގައިވާ ގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމަށް މަހެއްގެ މައްޗަށް މާލީ އިނާޔަތާއި، ލިވިން އެލަވަންސާއި، އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި މަހަކު ޖުމްލަ 3 ލައްކަ ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ކުރީގެ ރައީސުންނަށް ލިބިލަށްވާ އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި މަހަކު 175،000 ހާސް ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެމަނިކުފާނު ވަނީ މަޖިލިސް ރައީސް ކަމަށް ހޮވިވަޑައިގަތުމުން ކުރީގެ ރައީސެއްގެ ގޮތުގައި ލިބިވަޑައިގެންނެވި ލިވިންސް އެލަވަންސް، މަހަކު 50 ހާސް ރުފިޔާ ނެގުން ހުއްޓަވާލަށްވާފަ އެވެ. ރައީސް ނަޝީދަށް މަޖިލިސް ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 73،125 ރުފިޔާ ލިބިވަޑައި ގަންނަވަ އެވެ. އެހެންކަމުން އެމަނިކުފާނަށް ދައުލަތުން މަހަކު ޖުމްލަ 248،125 ލިބިވަޑައިގަންނަވައެވެ.

ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 50 ހާސް ރުފިޔާ ލިބިލަށްވާއިރު، އޮފީސް ހިންގުމުގެ އެލަވަންސްގެ ގޮތުގައި މަހަކު 175،000 ހާސް ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެހެންކަމުން ރައީސް ވަޙީދަށް މަހަކު ޖުމްލަ 225،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

އެހެންކަމުން ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ މުސާރައާއި، މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ތިން ރައީސަކަށް މަހަކު 773،125 ޚަރަދު ކުރަށްވަ އެވެ. އަހަރަކަށް 9،277،500 ޚަރަދު ކުރަށްވައެވެ.