އިންގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ވެސްޓް ހޭމްއާއި ލިވަޕޫލް ބައްދަލުކުރި މެޗު ވެސްޓް ހޭމް އިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ވެސްޓް ހޭމް އިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން މި މެޗާއި ކުރިމަތިލީއިރު އެ ޓީމް އެންމެ ފަހުން ކުޅުނު 25 މެޗުގައި ވެސް ބަލިވެފައި ނުވުމުން، މި މެޗުން ބަލިނުވެ ފަރުޖައްސާލައިގެން އެ ޓީމްގެ ތާރީޚުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް ޑޭވިޑް މޮޔެސް ކޯޗުކޮށްދެމުން އަންނަ ވެސްޓް ހޭމްގެ އަތްދަށުވެ ލިވަޕޫލަށް މިވަނީ އެ ފުރުޞަތު ގެއްލިފައެވެ.

Ad
rt

މި މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ހޭމްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ވެސްޓް ހޭމްއިން ނެގި ކޯނަރެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި މި ލަނޑު ވަދެފައި ވަނީ ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރ ގެ އަތުން ބައިކޮޅަށެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ވެސްޓް ހޭމްގެ އޭރިއާމަތިން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައި ވަނީ އާނޯލްޑެވެ.

މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ޕަބްލޯ ފޯނާލްސް އެ ޓީމަށް ލީޑު ނަގައިދިންއިރު، އެ ޓީމަށް ލީޑު ފުޅާކޮށްދީފައި ވަނީ 74 ވަނަ މިނޓުގައި ޖެރޯޑް ބޮވެން ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާޓް ޒޫމާއެވެ.

މެޗުގައި ލިވަޕޫލަށް ފަރަގު ކުޑަކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮރީގީއެވެ. މެޗުގެ 83 ވަނަ މިނެޓުގައި އޮރީގީ ލަނޑު ޖަހާފައި ވަނީ އާނޯލްޑް ތަނަވަސް ކޮށްދިން ފުރުބަތެއްގައެވެ.

މި ނަތީޖާއާއިއެކު ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއިއެކު ވެސްޓް ހޭމް ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުން ބަލިވި ލިވަޕޫލް މިވަގުތު އޮތީ 11 މެޗުން ލިބުނު 22 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރު ވަނާގައެވެ.

އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ވޯޓަފޯޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން އާސެނަލް ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗުން މޮޅުވުމުން އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ 5 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 11 މެޗުން 20 ޕޮއިންޓެވެ.