ޖަރުމަނު ބުންޑެސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކް ކުޅުން މެޗު އެ ޓީމުން ކާމިޔާބުކުރި އިރު ވާދަވެރި ޑޯޓްމުންޑް ކުޅުނު މެޗުން އެ ޓީމް ބަލިވެއްޖެއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ފްރެއިބާގްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ރަނގަޅު ފޯމެއްގައި އޮތް ބަޔާނުން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެއޮން ގޮޓްޒަކާއެވެ. ބަޔާނުން މެޗުގައި ކާމިޔާބުކުރި ދެވަނ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެވަންޑޯސްކީއެވެ. ފްރެއިބާގުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައި ވަނީ ހާބަރާއެވެ.
ހޮނިހިރު ދުވަހުގެ ރޭ އާރުބީ ލެއިޕްޒީގް އާއި ބްރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ލެއިޕްޒީގުންނެވެ.
ދެ ޓީމްގެ ފަރާތުންވެސް އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ލެއިޕްޒީގުންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެންކުންކޫއެވެ. ޑޯޓްމުންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 52 ވަނަ މިނެޓުގައި މާކޯ ރުއިސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ލެޕްޒީގް މެޗުން މޮޅުވެފައި ވަނީ 68 ވަނަ މިނެޓުގައި ޔޫސުފް ޕޮއުލްސެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ބަޔާން މޮޅުވެ ޑޯޓްމުންޑް ބަލިވުމުން ބަޔާނަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބަޔާނަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު ޑޯޓްމުންޑް ދެވަނާގައި އޮތީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!