އިޓާލިއަން ސީރިއާ އޭ ގައި ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ދެ ފުރުޞަތެއް ލިބިފައި ވަނީ ފިއޮރެންޓީނާއަށެވެ. މިގޮތުން އެ ޓީމްގެ ރިކާޑޯ ސަފޮނާރާ ޔުވެންޓަސްގެ އޭރިއާގެތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެއަށްފަހު އެ ޓީމްގެ ވަލްހޮވިޗް ބޮލުން ފޮނުވާލި ހަމަލާވެސް ގޮސްފައިވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން މޮރާޓާ ފޮނުވާލި ބާރު ހަމަލާ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔައިރު، އެ ޓީމްގެ ކިއޭސާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ފިއޮރެންޓީނާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ފިއޮރެންޓީނާއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ 73 ވަނަ މިނެޓުގައި އެ ޓީމްގެ ނިކޮލާ މިލެނޮވިޗަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. މެޗުން ޔުވެންޓަސް މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކުއަޑާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުވެންޓަސް ލީގު މެޗަކުން މޮޅުވެފައި މި ވަނީ ލީގުގައި އެ ޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައިނުވާ ދަނޑިވަޅެއްގައެވެ.

މި ނަތީޖާއާއިއެކު 12 މެޗުން ލިބުނު 18 ޕޮއިންޓާއިއެކު ޔުވެންޓަސް އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. މެޗުން ބަލިވި ފިއޮރެންޓީނާ މިވަގުތު އޮތީ 7 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 12 މެޗުން 18 ޕޮއިންޓެވެ.