ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ހާފު ނިމުމުގެ ކުރިން ސެލްޓާގެ މައްޗަށް ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ޖޯޑީ އަލާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަންސޫ ފާޓީއެވެ. ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލެޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބަސްކެޓް ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 34 ވަނަ މިނެޓުގައި މެންފިސް ޑިޕާއީއެވެ. މި ލަނޑުޖަހަން ވެސް އެސިސްޓް ކޮށްދީފައި ވަނީ އަލާބާއެވެ.

Ad
rt

ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ސެލްޓާއިން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި އެ ޓީމް ކުރިއަށް ޖައްސައި ބާސާގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. އެ ޓީމުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އިއާގޯ އަސްޕާސްއެވެ. ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި ނޮލީޓޯ ކާމިޔާބު ކޮށްދިންއިރު، ސެލްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނޓުގެ ވެސް ފަހު ވަގުތު ކާމިޔާބު ކޮށްދީފައި ވަނީ އަސްޕާސްއެވެ.

މި ސީޒަންގައި ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ބާސާއަށް އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ބާސާގެ ނަތީޖާތަށް ދައްވުމާއިއެކު އެ ޓީމްގެ ކޯޗް ރޮނާލްޑް ކޫމަން ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ. މިހާރު ބާސާގެ ކޯޗަކަށް އެ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް ހަވާލުވެފައިވާއިރު، ޒަވީ ރަސްމީކޮށް ޓީމާއި ގުޅޭނީ ހޯމަ ދުވަހުއެވެ.

މި ނަތީޖާއާއިއެކު ބާސެލޯނާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ނުވަވަނާގައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. ސެލްޓާ ވީގޯ މިވަގުތު އޮތީ 13 މެޗުން ލިބުނު 12 ޕޮއިންޓާއި އެކު 15 ވަނާގައެވެ.