އިނގިރޭސި ޕްރިމިއާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ވާދަވެރި މެންޗެސްޓާ ސިޓީއަތުން ބަލިވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ ފަރާތުން މުޅި މެޗުގައި ވެސް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމްގެ ކޮޅަށް ވަނީ ލަނޑެއް ވަދެފއެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑްގެ ކޮޅަށް ލަނޑު ވަދެފައިވަނީ އެ ޓީމްގެ ޑިފެންޑަރ އެރިކް ބެއިލީއަތުންނެވެ.
ލަނޑަށްފަހު ވެސް ސިޓީންވަނީ މެޗު ކޮންޓްރޯލްކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި ޔުނަޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.
ސިޓީން މެޗުގައި ލީޑު ފުޅާކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ބާނާޑޯ ސިލްވާއެވެ. މި ލަނޑު ސިލްވާ ކާމިޔާބު ކޮށްފައިވަނީ ކެންސެލޯ ޔުނައިޓެޑްގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރުން ބޭރުވާން ދޫކޮށްލި ވަގުތު ސިލްވާ ޓެކުލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އަމިއްލަ ދަނޑުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިނުވެ އެވެ. އެވަޓަންއާ 1-1 އިން އެއްވަރުވިއިރު، އެސްޓަން ވިލާ އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ. ލިވަޕޫލް އަތުން 5-0 އިން ބަލިވިއިރު، މިއަދު ސިޓީން ވެސް މި ވަނީ ޔުނައިޓެޑް ބަލިކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ބާންލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޗެލްސީންނެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ހަވާޓްޒް ކާމިޔާބު ކޮށްދީފައިވާއިރު، ބާންލީން މެޗެގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެގާރަ މިނެޓަށް ވެފައި ވަނިކޮށް ވީޑްރާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ނަތީޖާތަކާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި 11 މެޗުން 26 ޕޮއިންޓް ހޯދައިގެން އޮތީ ޗެލްސީއެވެ. މެންޗެސްޓާ ސިޓީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެ ވަނާގައެވެ. އެ ޓީމަށް 11 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއިއެކު ތާވަލުގެ 5 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!