ޖޯން ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ސައިންސްވެރިން ހަދާފައިވާ ދިރާސާއަކުން، މާ ގިނައިން ކޮފީ ބޯ މީހުންނަށް ކިޑްނީ ބަލިތަކުގެ ރިސްކް ބޮޑުކަމަށް ދައްކައިފި އެވެ.
ސައިންސްވެރިން ހަދާފައިވާ ދިރާސާއަށް ބަލާއިރު، ކޮފީ ބޯ މީހުންގެ ލޭގެ ހަކަތަ ދަށްވެ، ގައިގައި ހުންނަ އެނާޖީ ލެވެލް ދަށްވާކަމަށް ދައްކައެވެ.
5000 މީހުން ބޭނުންކޮށްގެން ހަދާފައިވާ މި ދިރާސާއިން ކޮފީގެ ސަބަބުން ކިޑްނީއަށް ކުރާ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަން ވަނީ ދެނެގަނެވިފައެވެ. އެގޮތުން ކޮފީ ބޭނުންކުރާ މީހުންނަށް ނުރައްކާތެރި ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދައްކައެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ޖެހޭ ފަދަ ނުރައްކާތެރި ކިޑްނީގެ ބަލިތައް ކޮފީ ބޯ މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ކްލިނިކަން ޖާނަލް އޮފް ދަ އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީ ލިޔެފައިވާ ސައިންސްވެރިޔާވެސް ވަނީ އޭނާގެ ފޮތުގައި ލިޔެފައެވެ. ނުރައްކާތެރި ކިޑްނީގެ ބަލިތަކަށް މަގުފަހިވާ އެހެން ބަލިތަކުގެ ތެރޭގައި ކޮލެސްޓްރޯލްއާއި ހަކުރު އަދި ލޭމައްޗަށްދާ ބަލި ހުންނަ މީހުންކަމަށްވެސް އޭނާގެ ލިޔުންތަކުގައި ބުނެފައިވެއެވެ.
ކޮފީގެ ސަބަބުން ކިޑްނީގެ ބަލިތަކަށް ފުރުސަތު ބޮޑުކަމަށް ބުނެ އިނގިރޭސިވިލާތުގެ ކިޑްނީ ކެއާގެ ޕޮލިސީ ޑައިރެކްޓަރު ފިއޯނާ ލައުޑް ބުނެފައިވަނީ، އެ ތަނުން ފާއިތުވި އަހަރުތަކުގައި މިކަމާއި ގުޅިގެން ހަދާފައިވާ ދިރާސާތަކުންވެސް ކޮފީގެ ސަަބަބުން ކިޑްނީގެ ބަލިތަކަށް ފުރުސަތު ބޮޑުކަން ފާހަގަކުރެވިފައިވާކަމަށެވެ. ނަމަވެސް މިކަމަށް ގިނަ ބަޔަކު ފާޑުކިޔާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮފީ އިން ކިޑްނީގެ ބަލިތަކަށް މަގުފަހިވާކަމަށް ދެއްކުމުން މިކަން ވީ އެމީހުންނަށްވެސް ހައިރާންކަން ގެނުވިކަމަކަށެވެ.
އިނގިރޭސިވިލާތުގެ ޗެރިޓީ ކިޑްނީ ކެއާ އިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގައި އަހަރަކު 3 މިލިއަން މީހުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ ކުރީގައި ސައިންސްވެރިންގެ ހޯދުންތަކަށް ބަލާއިރު، ކޮފީ އަކީ ކިޑްނީގެ ބަލިތަކަށް ނުރައްކާ ވާ އެއްޗެއް ނޫންކަމަށްވެސް ވަނީ ދައްކާފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ މޭ މަހު ޝާއިޢުކޮށްފައިވާ ލިޔުމެއްގައި އެއް ތަށްޓަށް ވުރެ ގިނައިން ކޮފީ ބުއި ނަމަވެސް ކިޑްނީގެ ބަލިތަކަށް މަގުފަހި ނުވާކަމަށް ސައިންސްވެރިން ވަނީ ބުނެފައިވެއެވެ.
ކޮފީ އަކީ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗަކަށް ވާ އިރު، ކޮފީ ބުއިމުގައިވެސް ޞިއްހަތަށް ބަލައިގެން ދުވަހުގެ ކާނާގެ ތެރޭގައި ކޮފީ ހިމެނުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.
މުޅި ދުނިޔެއަށް ބަލާއިރު 1 ބިލިއަން މީހުން ކޮންމެ ދުވަހަކުވެސް ކޮފީ ބޯއިރު، އެމެރިކާގައި އެކަނިވެސް ދުވާލެއްގެ މައްޗަށް 400 މިލިއަން މީހުން ކޮފީ ބޯކަމަށް ރެކޯޑުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!